ޖުމްހޫރީ ޕާޓީގެ ގޮތްޕެއް ވަރަށް އަވަހަށް ކުޅުދުއްފުށީގައި އުފައްދާނެކަމަށް އެޕާޓީ އިން ބުނެފި އެވެ.
ކުޅުދުއްފުށީގައި ޖުމްހޫރީ ޕާޓީގެ ގޮފި އުފެއްދުމުގައި އިސްކޮށްއުޅޭ އެޕާޓީގެ ކައުންސިލް މެމްބަރު ހުސައިން އަރީފް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ކުޅުދުއްފުށީގައި މިހާރު 400 އަށް ވުރެ ގިނަ މީހުން ޖޭޕީއާ ގުޅިފައިވާ ކަމަށާއި ދެތިން ހަތަރު ގޮފިވެސް މިހާރު ކުޅުދުއްފުށީގައި ހެދިދާނެ ކަމަށެވެ.
“ކުޅުދުއްފުށީގައި ދެތިން ހަތަރު ގޮފިވެސް މިހާރު ހެދިދާނެ. 400 އެއްހާ މީހުން މިހާތަނަށް ސޮއިކޮށްފި. ގިނައީ ޒުވާނުން.” ހުސައިން ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރައްޔިތުންނަށް ތައުރީފް ކުރައްވާ ވާހަކަ ދައްކަވަމުން ހުސައިން ވިދާޅުވީ ކުޅުދުއްފުށީ ރައްޔިތުންނަކީ ވަރަށް ޑިމޮކްރަޓިކް ވިސްނުން ގެންގުޅުއްވާ ރައްޔިތެއް ދިރިއުޅެމުންދާ ރަށެއް ކަމަށާއި ރާއްޖެއަށް ދިމާވާ ކޮންމެ އުނދަގުލެއް ހައްލުކުރުމަށްޓަކައި ކުޅުދުއްފުށީގެ ރައްޔިތުން ވަނީ ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައި ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ކުރަމުން ދާއިރު އެޕާޓީން ދަނީ މި ދުވަސްވަރު ޕާޓީގެ ގޮފިތައް އިތުރުކޮށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ތަކެއް ކުރަމުންނެވެ.