ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް 4 ޖީ ނެޓްވޯކް ތައާރަފް ކޮށްފި އެވެ.
މިހާރު ކުރިއަށްދާ ކޮމިއުނިކޭޝަން އޮތޯރިޓީގެ ޓެލެކޮމް އަދި އައިސީޓީ އެކްސްޕޯ “ކަނެކްޓް 2013” ގައި ވަތަނިއްޔާގެ 4 ޖީ ޚިދުމަތް ތައާރަފް ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު އެވެ. ވަތަނިއްޔާގެ 4 ޖީ ނެޓްވޯކް މެދުވެރިކޮށް 100 އެމްބީޕީއެސް ސްޕީޑް އާހަމައަށް މޯބައިލް އިންޓަނެޓް ހިދުމަތް ލިބޭނެކަމަށް ވަތަނިއްޔާ އިން މަޢުލޫމާތު ދެއެވެ. 4 ޖީގެ ހިދުމަތް ހޯދާއިރު 3 ޖީ ހިދުމަތަށް ވުރެ ހަގުނަ ބާރުސްޕީޑުގައި އިންޓަނެޓް ލިބޭނެ އެވެ.
“ވަތަނިއްޔާއިން ވަރަށް ފަހުރުވެރިވަން ދިވެހިރާއްޖެއަށް އެންމެ ފުރަތަމަ އަދި އެންމެ ފުރިހަމަ 4 ޖީ ނެޓްވޯކް ތައާރަފް ކުރެވުނީތީ. މީގެން މި ދައްކައިދެނީ ވަތަނިއްޔާއިން ދިވެހިރާއްޖެއަށް އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ކުރިއެރުންތައް ގެނެސް ކަސްޓަމަރުންނަށް އެންމެ ރަނގަޅު ހިދުމަތް ދިނުމުގައި ދެމިތިބޭނެކަން.” ވަތަނިއްޔާގެ ސީއީއޯ ހާރޫން ޝަހުލް ހަމީދު ވިދާޅުވި އެވެ.
ވަތަނިއްޔާއިން މައުލޫމާތު ދޭގޮތުގައި ހިދުމަތުގެ އަޖުމަބެލުމުގެ ގޮތުން ތައާރަފް ކުރެވުނު 4 ޖީ ނެޓްވޯކް މިހާރު ލިބޭނީ މާލޭ ސިޓީގައެވެ. އެޕަލް އައިފޯނު 5، އައިޕެޑް މިނީ އަދި ސެމްސަންގ ގެލެކްސީ އެލްޓީއީ މޯބައިލް ފޯނު އަދި އެހެނިހެން ޑިވައިސްތަކަށް ވެސް 4 ޖީ ހިދުމަތް ލިބޭނެ އެވެ.
ވަތަނިއްޔާގެ ނެޓްވޯކްގެ ފެންވަރު ރަނގަޅުކޮށް ހިދުމަތް ފުޅާކުރުމުގެ ގޮތުން މިދިޔަ ދޮޅުއަހަރެއްހާ ދުވަސްތެރޭ މިލިޔަން ޑޮލަރުން ގުނާލެވޭ ޕްރޮޖެކްޓްތަކެއް ހިންގާފަ އެވެ.