ރާއްޖޭގެ ވެރިކަމުގެ ތަހުތުގައި އިށީންނަވާފައިވާ 3 ރައީސުންނާއި ގާސިމް އިބްރާހިމް މިމަހު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ މުހައްމަދު ވަހީދު ހަސަނާއި ރައީސް މުޙައްމަދު ނަޝީދު އަދި ރައީސް މައުމޫން އަބްދުލް ގައްޔޫމް މިފެށުނު މޭ މަހު ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު މިހަފްތާގެ ހޮނިހިރު ދުވަހު ވަޑައިގަތުމަށް ހަމަޖެހިފަވާއިރު “އެއްބުރުން އެމްޑީޕީ” ގެ ނަމުގައި ބާއްވާ ބޮޑު ޖަލްސާ އަށް މިމަހު 9 ވަނަ ދުވަހު ކުޅުދުއްފުއްޓަށް ރައީސް ނަޝީދު ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިމަހުގެ މެދު ތެރޭގައި ރައީސް މައުމޫނު ހދ އަށް ކުރައްވާ ދަތުރުފުޅެއްގައި ކުޅުދުއްފުއްޓަށް ވަޑައިގަންނަވާނެކަމަށް މައުލޫމާތު ލިބެއެވެ.
3 ރައީސުންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ރައީސް މަހުޖަނު ގާސިމް އިބްރާހީމް މިމަހުގެ ކުރީ ކޮޅުގައި ކުޅުދުއްފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައި ވާ ކަމަށް ޖުމްހޫރީ ޕާޓީގެ އިސް ފަރާތްތަކުން މައުލޫމާތު ދެއެވެ. އަދި ރައީސް މައުމޫނުގެ ދަތުރުފުޅުގައި ޕީޕީއެމް ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީން ވެސް ބައިވެރި ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ރައީސް މުހަންމަދު ވަހީދު ހަސަން މަނިކު ވެރިކަމާއި ހަވާލުވި ފަހުން މިއީ ކުޅުދުއްފުއްޓަށް ކުރައްވާ 3 ވަނަ ދަތުރުފުޅެވެ. މިފަހަރަކީ ރައީސް މައުމޫނުގެ ވެރިކަން ނިމުނު ފަހުން އެމަނިކުފާނު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރަށް ވާއިރު، މިއީ ގާސިމް އިބްރާހިމް ކުޅުދުއްފުޓަށް ވަޑައިގަންނަން ފުރަތަމަ ފަހަރުކަން ފާހަގަ ކޮށް ލެވެއެވެ.
ރާއްޖޭގެ ރައީސް ކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނައިން ކުޅުދުއްފުއްޓަށް ވަޑައިގެންފައި ވަނީ ރައީސް ނަޝީދެވެ.