އަފީފުއްދީން ސްކޫލުގައި ބޭނުންނުކޮށް ހުރި އެއަރ ކޮންޑިޝަންތައް މިއަހަރު ތެރޭގައި ބޭނުންކުރަންފެށުމަށް މަސައްކަތް ކުރައްވާ ކަމަށް އެސްކޫލުގެ ޕްރިންސިޕަލް އާދަމް މޫސާ ވިދާޅުވެއްޖެ އެވެ.
މިނޫހުން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އާދަމް މޫސާ ވިދާޅުވީ އޭސީތައް ބޭނުން ނުކުރެވި ހުރީ ބަޖެޓުގެ ދަތިކަމުން ކަރަންޓް ވަޔަރު ނުކުރެވިގެން ކަމަށެވެ. ތްރީ ފޭސް ކަރަންޓް ބޭނުންވާ މިއޭސީތަކަށް ކަރަންޓު ލުމަށް ކުރިންވެސް ބަޔަކު ހޯދުމަށް އިއުލާނުކޮށްފައިވާ ކަމަށާއި އެފަހަރުވެސް ހުށައަޅާފައިވާ އަގު ސްކޫލަށް ދެއްކޭވަރު ނުވާ ކަމަށް އާދަމް މޫސާ ވިދާޅުވިއެވެ.
މިދުވަސްވަރު މި މަސައްކަތް ކުރުން މަޑުޖެހފައިވަނީ ބަޖެޓު ނުލިބުމުގެ އިތުރުން އެޑްމިން އާއި ބަޖެޓުގެ މަސައްކަތް ތަކުގައި ވެސް ވަރަށް މަދު މުވައްޒަފުން މަސައްކަތް ކުރައްވާތީ ކަމަށްވެސް ޕްރިންސިޕަލް ވިދާޅުވިއެވެ.
ސްޓާފްރޫމާއި ލައިބްރަރީގެ އިތުރުން އޮފީހުގައި މީގެ 15 އޭސީ އެއް ހަރުކުރެވިފައިވެ އެވެ. އެހެން ނަމަވެސް ސްކޫލުގައި މިހާރު ބޭނުން ކުރަމުން ދަނީ މި 15 އޭސީގެ ތެރެއިން އެންމެ އޭސީ އެކެވެ.
އަފީފުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލެއް ކަމަށްވާ އިބްރާހިމް އާސިފް ރަޝީދުގެ ދައުރުގައި ގެނައި މި އޭސީ ތައް ބޭނުން ނުކުރެވި ހުންނަތާ ގާތްގަނޑަކަށް 3 އަހަރު ވެފައިވާއިރު އޭސީތަކަށް ކަރަންޓު ނޭޅި ގިނަ ދުވަސް ވެފައި މިވަނީ ސްކޫލުގެ މެނޭޖްމަންޓުން ގެންގުޅޭ ހަރުދަނާ ކަމެއް ނެތް އުސޫލުގެ ސަބަބުން ކަމަށް ސްކޫލުގެ ބައެއް މުވައްޒަފުން އަންނަނީ ބުނަމުންނެވެ.