twitterviber whatsapp telegramfacebookyoutube instagram
12th May 2024

ބީއެމްއެލްގެ މިދިޔަ އަހަރުގެ ސާފު ފައިދާ 374 މިލިޔަން ރުފިޔާއަށް

May 1, 2013

ބޭންކް އޮފް މޯލްޑިވްސް އަށް 2012 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި 374 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފި އެވެ.

އިއްޔެ އާއްމުކުރި ބޭންކްގެ 2012 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގައި ވާގޮތުން އެކުންފުނީގެ ސާފުފައިދާ ރިކޯޑް މިންވަރަކަށް އަރާފައިވާއިރު ކުންފުނީގެ ހިންގުމުގެ ފައިދާވަނީ 52.7 އިންސައްތައިގެ ކުރިއެރުމެއް ހޯދާ 792 މިލިޔަން ރުފިޔާއަށް އަރާފަ އެވެ. އަދި ބޭންކްގެ އާމްދަނީ ވަނީ 2011 ވަނަ އަހަރު ލިބުނު 1.07 ބިލިޔަން ރުފިޔާއިން ރެކޯޑް އަދަދެއް ކަމަށްވާ 1.35 ބިލިޔަން ރުފިޔާއަށް އުފުލިފައެވެ. މިއީ ބޭންކްގެ ތާރީހުގައި ވެސް އެންމެ ގިނައިން އާމްދަނީ ލިބުނު އަހަރެވެ.

“މިފަދަ ކުރިއެރުމެއް މިލިބުނީ ބޭންކްގެ އެންމެހައި މުވައްޒަފުންގެ ބުރަ މަސައްކަތުން. ބޭންކުގެ ހިއްސާދާރުންނާއި އެންމެހައި ކަސްޓަމަރުން ބޭންކަށް ކުރައްކާ އިތުބާރަށާއި މި ވޭތުވެ ދިޔަ 12 މަސް ދުވަސްތެރޭ ދެއްވާފައިވާ އެއްބާރުލުމަށް މި ފުރުސަތުގައި ޝުކުރު އަދާކުރަން.” ބޭންކުގެ އެމްޑީ އަދި ސީއީއޯ ޕީޓަރ ހޯރޓަން ވިދާޅުވި އެވެ.

ވޭތުވެދިޔަ ދެތިން އަހަރު ބޭންކުގެ ކުރިއެރުމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ، ބައެއް ލޯނުތަކަށް އަނބުރާ ފައިސާ ނުލިބުމުގެ މައްސަލައާ ބެހޭގޮތުން ޕީޓަރ ވިދާޅުވީ “2011 ވަނަ އަހަރު އަޅުގަނޑުމެން ވަނީ މުހިއްމު އަސާސީ ދެކަމަކަށް އިސްކަންދިނުމަށް ނިންމާފަ. އޭގެ ތެރޭގައި އެންމެ ފުރަތަމަ ކަމަކީ ދިގު މުއްދަތެއް ވަންދެން ފައިސާ ނުލިބިހުރި ލޯނުތަކަށް ފައިސާ ހޯދުން. ލޯނުގެ ފައިސާ ހޯދުމަށް ހަރުދަނާ މަސައްކަތްތަކެއް ކުރެވި އެމްއެމްއޭ އިން ކަނޑައަޅުއްވާފައިވާ މިންވަރަށް ޕްރޮވިޝަން ހަދާފައި މިއަހަރު ބޭންކަށް މިވަނީ ފައިދާ ލިބިފައި. މިގޮތުން 374 މިލިޔަން ރުފިޔާގެ ސާފު ފައިދާއެއް މިވަނީ ހޯދިފަ.”

ބޭންކަށް ދިމާވި މާލީ ދަތިދުވަސްތަކުން އަރައިގަނެ 2011 ވަނަ އަހަރުން ފެށިގެން ބޭންކުން އަންނަނީ ސާފު ފައިދާ އިއުލާން ކުރަމުންނެވެ. އަދި މިއަހަރުގެ ފުރަތަމ ކުއާޓަރގައި އެކަނިވެސް ބޭންކް އޮފް މޯލްޑިވްސް އަށް ވަނީ ސާފު ފައިދާގެ ގޮތުގައި 527 މިލިޔަން ރުފިޔާ ލިބިފައެވެ.

ބޭންކް އޮފް މޯލްޑިވްސް 2012 ވަނަ އަހަރުގެ އަހަރީ ރިޕޯޓް

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355