ކުޅުދުއްފުށީގެ ތަރައްޤީގެ އެއްވެސް މަޝްރޫއެއް ހުއްޓުވާފައި ނުވާނެކަމަށް ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒު ވިދާޅުވެއްޖެ އެވެ.
ރަމީޒު މިހެން ވިދާޅުވެފައި ވަނީ ކުޅުދުއްފުށި ތަރައްޤީގެ މަޝްރޫއުތައް ރައްޔިތުންގެ ނަމުގައި ކައުންސިލުން ނުކުމެ ހުއްޓުވާފައިވާ ކަމަށް ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ބުދަ ދުވަހު ދިޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނިކޮށެވެ.
ކައުންސިލްގެ ރައީސް އިބްރާހިމް ރަމީޒު ވިދާޅުވީ ހައުސިންގ މިނިސްޓްރީން ކުޅުދުއްފުށީ ތަރައްޤީގެ އެއްވެސް މަޝްރޫއެއް ނުހިންގާ ކަަމަށާއި މިނިސްޓަރުގެ ވާހަކަފުޅުތަކަކީ ސިޔާސީ މަގުސަދުތަކެއް ހާސިލް ކުރެއްވުމަށް ދައްކަވާ ވާހަކަތަކެއް ކަމަށެވެ.
ކުޅުދުއްފުށީ ހިއްކި ބިމުން ގިނަ އަދަދެއްގެ ބަޔަކު ގޯތި ހޯދުމަށް ހުށައަޅާފައިވަނިކޮށް އެފޯމުތައް ކައުންސިލުން ބާތިލް ކޮށްފައިވާ ކަމަށް ހައުސިންގ މިނިސްޓަރު ވިދާޅުވި ވާހަކަފުޅަކީ ހެއްދެވި އިތުރުފުޅެއް ކަމަށާއި އެއްވެސް އިރެއްގައި ކައުންސިލުން ހިއްކި ބިމުން ގޯތި ދޫކުރުމަށް އިއުލާން ކޮށްފައި ނުވާ ކަމަށް ރަމީޒު ވިދާޅުވިއެވެ. އަދި ކުޅުދުއްފުށީގެ ބިމުން މިހާރުވެސް ގޯތި ދޫކުރެވިފައި ނުވަނީ މިނިސްޓްރީގެ ހުއްދައެއް ނުލިބިގެން ކަން ރަމީޒު ފާހަގަ ކުރެއްވި އެވެ.
ކުޅުދުއްފުށީ އަމީނީމަގުގައި ތާރު އެޅުމުގެ މައްސަލާގައި ވާހަކަފުޅު ދައްކަވަމުން ރަމީޒު ވިދާޅުވީ އެމަގު ޑިޒައިން ކޮށްފައިވަނީ ގައު އެތުރުމަށް ކަމަށް ވާއިރު މހާރު އެ އޮތް ގޮތަށް މަގުގެ ޑިޒައިން ބަދަލުނުކޮށް ތާރު އަޅައިފި ނަމަ މަގުގައި ކޭބަލާއި ހޮޅި އަޅާފައިވާ ކުންފުނިތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތި ވާނެކަމަށް އެފަރާތުން ވިދާޅުވެފައިވާތީ އެވާހަކަ އެމްއާރުޑީސީ އާ ހިއްސާ ކޮށްފައި ވާނޭ ކަމަށެވެ.
އެމްޑީޕީގެ 7 މެމްބަރުން ތިއްބަވާ ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އިތުރަށް ވިދާޅުވީ ހައުސިންގ މިނިސްޓްރީއަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ކުޅުދުއްފުށީ ކައުންސިލުން ދޭކަމަށާއި މަގުގެ މެދުގައި ޖަހާފައި ހުރި ހޮޅި ދަނޑިތައް މަގުގެ އެއްކައިރިއަށް ޖެއްސުމަށް ކައުންސިލުން ހުރަސް އަޅާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވާއިރު މަގުގެ ރައްކާތެރިކަމަށް މެދުގައި ޖަހާފައިވާ ރޯޑު ޑިވައިޑަރުތައް ނަގާފައިވަނީ ހައުސިންގ މިނިސްޓްރީން އެންގުމުން ކަމަށެވެ. އަދި އެކަމާ ކައުންސިލާ އެއްވެސް ވަރަކަށް މަޝްވަރާއެއް ކޮށްފައި ނުވާކަަމަށާއި މިނިސްޓަރު ބޭނުންވެލައްވާ ގޮތްގޮތަށް ބައެއް ކަންކަން ނިންމަވާފައި އަނެއް ބައި ކަންކަމުގައި ކައުންސިލް ބަދުނާމުވާ ގޮތަށް ވާހަކަ ދައްކަވާ ކަމަށް ވެސް ރަމީޒު ވިދާޅުވި އެވެ.
ރަމީޒު ތަކުރާރުކޮށް ވިދާޅުވީ ހައުސިން މިނިސްޓްރީން ކުޅުދުއްފުށީގެ ތަރައްގީ އަށް އެއްވެސް ކަމެއް ކުރަމުން ނުދާކަމަށެވެ. އަދި ކުޅުދުއްފުށީގެ ތަރައްގީ މަޝްރޫއުތައް ކައުންސިލް ހުއްޓާފައިވާ ކަމަށް ހައުސިންގ މިނިސްޓަރު ވިދާޅުވާ ވާހަކަތައް ރަމީޒު ދޮގުކުރެއްވި އެވެ.