twitterviber whatsapp telegramfacebookyoutube instagram
13th May 2024

ފަތިސް ހަނދުވަރުގެ ފެށުން ކުޅުދުއްފުށީ ސިނަމާއަށް އަންނަނީ

May 2, 2013

ދިވެހި ފިލްމު ފަތިސް ހަނދުވަރުގެ ފެށުން މިމަހުގެ 9 ވަނަ ދުވަހު ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި އެޅުވުމަށް ހަމަޖެހިއްޖެއެވެ.

މިނޫހަށް މައުލޫމާތު ދެމުން ކުޅުދުއްފުށިން ފިލްމު އެޅުވުމާއި ހަވާލުވެހުރި އަހުމަދު އާދަމް ބުނީ 9 މެއިގައި ފިލްމު ސިނަމާގައި އަޅުވަން ހަމަޖެހިފައިވާ ކަމަށާއި 2 ޝޯވ ދައްކަން ހަމަޖެހިފައިވީނަމަވެސް މީހުންގެ ތަރުހީބު ލިބިއްޖެނަމަ އިތުރު ޝޯވތައް ބާއްވާނެ ކަމަށެވެ.

ދިވެހި ފުރަތަމަ 3 ޑީ ފިލްމުކަމަށްވާ ފަތިސް ހަނދުވަރުގެ ފެށުން ކުޅުދުއްފުށީގައި އަޅުވަން ހަމަޖެހިފައި ވަނީ 2ޑީ ކޮށެވެ.  އެހެން ނަމަވެސް ގިނަ ބެލުން ތެރިން ތަކެއް 3ޑީ ކޮށް ބެލުމަށް އެދޭނަމަ މާލެއިން ކަމަށް ޚާއްސަ އައިނު ގެނެސް އެގޮތަށް ބެލޭނެ އިންތިޒާމް ހަމަޖައްސާނެ ކަމަށް އަހުމަދު ބުންޏެވެ. އައިނު ބޭނުން ކުރި ކަމުގައިވީ ނަމަވެސް ސިނަމާގައި ހުރި  ޕްރޮޖެކްޓަރުން އެންމެ ފެންވަރުގައި 3ޑީ ކޮށް ނުފެންނާނެ ކަމަށް އޭނާ ބުންޏެވެ.

މި ފިލްމުގެ ޓިކެޓެއްގެ އަގަކީ 60 ރުފިޔާއެވެ. އަދި 3ޑީ ކޮށް ފިލްމު ދައްކާ ގޮތަށް ހަމަޖެހިއްޖެ ނަމަ 80 ރުފިޔާއަށް ޓިކެޓުގެ އަގު ބަދަލުވާނެއެވެ.

ފަތިސް ހަނދުވަރު އެޅުވުމަށް ފިލްމީ ތަރި އަހުމަދު ސައީދު ކުޅުދުއްފުއްޓަށް އައުމަށް ވަނީ ހަމަޖެހިފައެވެ. މި ފިލްމުގެ ޓިކެޓު ކުޅުދުއްފުށީ ޓޫއެޗް ޓޫ ފިހާރައިން މާދަމާއިން ފެށިގެން ލިބެން ހުންނާނެކަމަށް އިންތިޒާމުކުރާ ފަރާތުން މައުލޫމާތުދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355