ދިވެހިން މުސްލިމުންގެ ގޮތުގައި ތިބެން ބޭނުންނަމަ ރައީސް ނަޝީދަށް ދެވަނަ ފުރުސަތެއް ދީގެން ނުވާނެ ކަމަށް ގައުމީ ހަރަކާތުން މިއަދު ބޭއްވުނި އިހްތިޖާޖުގެ ބައިވެރިން ގޮވާލައިފި އެވެ.
ރައީސް ނަޝީދު ޑެންމާކުގައި އިސްލާމް ދީނާއި ރަސޫލާ ސައްލަ ﷲ އަލައިހި ވަސައްލަމައަށް ފުރައްސާރަކޮށް ވާހަކަ ދައްކާފައިވާކަމަށް ބުނެ އެކަން ކުށްވެރިކޮށް އަޑުއުފުލުމުގެ ގޮތުން މިއަދު ހަވީރު ކުޅުދުއްފުށީގައި ބޭއްވި އެއްވުމުގައި ރައީސް ނަޝީދު އެކުރީ މުރުތައްދުވާވަރުގެ ކުށެއް ކަމަށާއި އެހެން ކަމުން އެކަމުގެ ހައްގު އަދަބެއްގެ ގޮތުން ދަންޖައްސާ މެރުމަށް ގޮވާލާފައިވެއެވެ.
މީގެ އިތުރުން ރައީސް ނަޝީދަކީ ވެރިކަމަށް އައުމުގެ ކުރިންނާއި އިސްތިއުފާ ދިނުމަށް ފަހުވެސް އިސްލާމް ދީނަށް ގޮންޖަހާ ވާހަކަ ދައްކަމުންދާ ފަރާތެއް ކަމަށާއި ދެންވެސް ނަޝީދު ވެރިކަމަށް ގެނެސްފިނަމަ އިސްލާމް ދީނާ ދެކޮޅަށް ކަންކުރާނެ ކަމަށް ބުނަމުން ގެންދިޔައެވެ. އަދި މި ގައުމުގައި އިސްލާމީ ޝަރީއަތް ގާއިމު ކުރަން ޖެހޭނެ ކަމަށާއި، ކުރާ ހުކުމްތައް ތަންފީޒު ކުރުމަށް ގޮވާލާފައިވެއެވެ.
މާލިހާމަގާއި ދިމާ ހޮޅުއަށި ކައިރީގައި ބޭއްވި މި އެއްވުމުގެ މައުޟޫއިން ބޭރު ގިނަ ވާހަކަތަކެއްވެސް ވަނީ ދައްކާފައެވެ. މިގޮތުން ރައީސް ވަހީދު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާއިރު ކަންތައް ކުރަންވީ ގޮތާއި ނަޝީދު ވަޑައިގަންނަވާއިރު ކަންތައް ކުރަންވީ ގޮތް ބައިވެރިންނަށް ކިޔާދީފައި ވެއެވެ. މިގޮތުން އިސްލާމްދީނުގައި ތިބެން ބޭނުންވާ ކުޅުދުއްފުށީގެ ރައްޔިތުން ނަޝީދުގެ ފަހަތުގައި ނެތް ކަން އެދުވަހުން ހާމަކޮށްދޭން ޖެހޭނެކަމަށް ބުނެފައިވެއެވެ.
މިއެއްވުމުގައި ވަނީ ކުޅުދުއްފުށީގެ ތަރައްގީގެ މަސައްކަތްތައް ކައުންސިލުން ހުއްޓުވާ ކަމަށް ބުނެ ވަގުތުން ކައުންސިލް އިސްތިއުފާ ދިނުމަށް ގޮވާލާފަ އެވެ.
ރައީސް ނަޝީދަށް ފާޑުކިޔާފައިވާ ބޯޑު ތަކާއި އިސްލާމް ދީން ހިމާޔަތް ކުރުމަށް ގޮވާލާ ލިޔެފައިވާ ބޯޑު ތަކެއް މިއަދުގެ އެއްވުމުގެ ބައިވެރިން ވަނީ ގެންގުޅިފައެވެ. 1 ގަޑި އިރަށް ވުރެ ކުޑަވަގުތު ކޮޅަކަށް ބޭއްވުނު މި އެއްވުމުގައި ބައިވެރިވެފައިވަނީ ގާތްގަނޑަކަށް 100 އެއްހާ މީހުންނެވެ.