twitterviber whatsapp telegramfacebookyoutube instagram
14th May 2024

ނޮޅިވަރަންފަރަށް ރައީސް ވަޑައިގަންނަވާ އިރަށް ރަށުގެ މީހުން ޝުއޫރު ފާޅުކުރުމަށް ގެންގުޅުނު ތަކެތި ފުލުހުން އުކާލައިފި

May 4, 2013

ނޮޅިވަރަމްފަރަށް ރައީސް ވަޑައިގަންނަވާ އިރަށް ރަށުގެ މީހުން ޝުއޫރު ފާޅުކުރުމަށް ދަމާފައި ހުރި ބެނާތަކެއް ފުލުހުން އުކާލައިފި އެވެ.

ނޮޅިވަރަންފަރުގައި މީހުން ދިރިއުޅޭ އެއްސަރަހައްދެއްގައި ނަރުދަމާލުމަށްފަހު ބާކީ ހުރި ގެތަކަށް ނަރުދަމާގެ ހިދުމަތް ދީފައި ނުވާތީ އެކަމާމެދު ޝުއޫރުފާޅު ކުރުމުގެ ގޮތުން، ރައީސް ވަހީދު މިއަދު ނޮޅިވަރަންފަރަށް ވަޑައިގަންނަވާ ވަގުތާ ދިމާކޮށް، ރައީސް ވަޑައިގަންނަވާނެކަމަށް ބެލެވޭ މަގުގެ އެއްފަރާތުގައި ވަނީ ޝުއޫރުފާޅުކުރުމުގެ ގޮތުން ބެނާއެއް ދަމާފައެވެ. އަދި ހަމަހަމަ ގޮތެއްގައި ހިދުމަތްތައް ދިނުމަށް އެދި ފާޅުކޮށްފައިވާ ޝުއޫރުތައް ހިމެނޭ ގޮތަށް ތައްޔާރުކޮށްގައި ހުރި ބެނާތައް ހިފައިގެންވެސް އެތަނުގައި މީހުން ތިއްބެވެ. މީގެ އިތުރުން ނަރުދަމާ ނިޒާމެއްގެ ސާމްޕަލް ދައްކުވައިދޭ ފާހާނާތައްޓަކާއެކު ހަދާފައިވާ މޮޑެލްއެއްވެސް އެތަނުގައި ބަހައްޓާފައި ހުއްޓެވެ.

ނޮޅިވަރަންފަރުން ވާހަކަ ދެއްކި މީހަކު ބުނީ، ރައީސް ވަޑައިގަތުމުގެ ކުރިން ފުލުހުން އައިސް އެތަކެތި ނަގައި ވަލުތެރެއަށް އުކާލާފައިވާ ކަމަށެވެ. އަދި އަލުން އެތަކެތި ގެނެސް ބެހެއްޓުމުން ވެސް ފުލުހުން ވަނީ އަނެއްކާވެސް އެތަކެތި ނަގާއެތަން ސާފުކޮށްފައެވެ. މިގޮތަށް ހަތަރުފަހަރު ބެނާ ދެމުމުންވެސް ފުލުހުން އެކަމަށް ހުރަސްއެޅިކަމަށް އެމީހާ ބުންޏެވެ.

ރައީސް ވަހީދު ނޮޅިވަރަންފަރަށް މިއަދު ދިހައެއް ޖަހާކަންހާއިރު ވަޑައިގަތުމުން އެރަށުގެ ކައުންސިލަރުންނާއި ރައްޔިތުން ވަނީ މަރުހަބާކިޔާފައެވެ. އަދި ރައީސް ވަޑައިގެން އެރަށުގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ 60 ހައުންސިންގ ޔުނިޓެއްގެ ބިންގާ ވަނީ އަޅުއްވައި ދެއްވާފަ އެވެ. ރައީސް ވަޑައިގަތުމުން އެރަށުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355