twitterviber whatsapp telegramfacebookyoutube instagram
13th May 2024

ކުޅުދުއްފުށީގެ މަގުހެދުމުގެ މަޝްރޫއާބެހޭގޮތުން ރައީސުލްޖުމުހޫރިއްޔާ ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައިފި

May 4, 2013

ކުޅުދުއްފުށީ މަގުހެދުމުގެ މަޝްރޫއުކުރިއަށް ނުދާތީ، އެކަމާބެހޭ ގޮތުން ރައްޔިތުންނާ މަޝްވަރާކުރެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ކުޅުދުއްފުށީ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ކުޅުދުއްފުށީގެ އާބާދީގެ ނިސްބަތުން މަދު ބަޔަކު ބައިވެރިވި މިބައްދަލު ކުރެއްވުމުގައި ރައީސް ޑރ. ވަހީދު ވިދާޅުވީ ކުޅުދުއްފުއްޓަށް ވަޑައިގަތީ، ކުޅުދުއްފުށީގެ އަމީނީމަގު ހެދުމުގެ މަސައްކަތް ކުރިއަށް ނުދާތީކަމަށެވެ. ކުޅުދުއްފުއްޓަށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދެއްވަން ބޭނުންވެ ވަޑައިގަންނަވާ ކަމަށާއި އެހެންނަމަވެސް ތަފާތު ސަބަބުތަކާހެދި ބައެއް ކަންކަން ލަސްވަނީ ކަމަށް ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.

މިއަދު މެންދުރު ފަހު ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރަައީސް ވަހީދު ވިދާޅުވީ މިހާރު މަގު ހެދުމަށް ހަވާލު ކޮށްފައިތިބި މީހުންނަން އެކަން ނުކުރެވެންޏާ އެހެން ބަޔަކާއި ހަވާލު ކޮށްގެން ވިޔަސް މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަން ބޭނުން ވާކަމަށާއި 1 މަސް ދުވަހުގެ ތެރޭގައި މިމަގުގެ އަމަލީ މަސައްކަތް ފެށެން ޖެހޭނެ ކަމަށެވެ. އަދި އެމަގުގަ ޖަހަންޖެހޭ ހޮޅި ދަނޑިތައް ވެސް ސަރުކާރުން ދޭން ތައްޔާރު ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.

133 މީހުން ބައިވެރިވި މި ޖަލްސާ ގައި ހައުސިން މިނިސްޓަރ ވިދާޅުވީ ކުޅުދުއްފުށީ ކައުންސިލުން މަގު ހެދުމަށް ހުރަސް އަޅާ ކަމަށާއި މަގުގައި އަތުރަން ޖެހޭނީ ގައު ކަމަށް ކައުންސިލުން ބުނެފައިވާ ކަމަށެވެ. މީގެ އިތުރުން ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވީ އެ މަގުގެ ހޮޅިދަނޑި ތަކަކީ ރައްޔިތުންގެ ތަކެތި ކަމަށާއި އެތަކެތި ސަރުކާރަށް ނުނެގޭނެ ކަމަށް ކައުންސިލުން ބުނެފައިވާ ކަމަށެވެ.

ކުޅުދުއްފުށީ އަމީނީމަގު ގައި އަޅާނީ ތާރު ތޯ ނުވަތަ ގައު ތޯ އެޅުމަށް ބުނުމުން އެތަނުގައި ތިބި ގިނަ މީހުން ބޭނުން ވަނީ ތާރުއަޅަން ކަމަށްވަނީ ބުނެފައެވެ. އަދި ހިޔާލު ހޯދުމަށް ހުޅުވާލި ފުރުޞަތުގައި ވާހަކަ ދައްކަން މީހުން ތިއްބާ ވާހަކަ ދައްކަން ފުރުސަތު ދީފައިވަނީ އެންމެ 2 މީހުންނަށެވެ. އެއީ ކުޅުދުއްފުށީ އަދާލަތު ޕާޓީއަށް ނިސްބަތްވާ 2 މީހުންނަށެވެ.

މިޖަލްސާ ގައި އަތޮޅު ކައުންސިލުގެ  ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ނަސްރުﷲ އިސްމާއިލާއި އެކައުންސިލުގެ ދެކުނު ދާއިރާގެ މެމްބަރެއް ކަމަށްވާ އާދަމް ވަހީދު ބައިވެރިވެލެއްވި އެވެ. ރައީސްގެ ދަތުރުފުޅުގައި ކުޅުދުއްފުއްޓަށް ވަޑައިގަތީ މިއަދު މެންދުރު 11:45 ހާއިރު އެވެ. އަދި މިއަދު މެންދުރު ކުޅުދުއްފުށީ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން އެތަނުގައި ތިބި ބަލި މީހުންގެ ހާލު ރައީސް ބައްލަވައިލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355