ކޮންމެ ދުވަހަކީވެސް ކުޑަކުދިންނަންޓަކައި އަޅުގަނޑުމެން ވިސްނަންޖެހޭ ދުވަހެއް ކަމަށް ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
ޝިފާ މިހެން ވިދާޅުވީ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަމީރު އަމީން ސްކޫލުގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ޝިފާ ވިދާޅުވީ ކުޑަކުދިންނަން އެންމެ ދުވަހެއް ފާހަގަ ކުރުމުން ނުފުދޭ ކަމަށާއި އެކުދިންނަށްޓަކައި ކޮންމެ ދުވަހަކީ ވެސް ވިސްނަންޖެހޭ ދުވަހެއް ކަމަށެވެ. އަދި މިއަދު މި ކުރާ މަސައްކަތަކީ މިއަދުގެ ކުޑަކުދިން، މާދަމާ އެކުދިން އުފަލާއި ހިތްހަމަޖެހުމާއި އަރާމާއެކު އުޅުމަށް ކަންކަން ބައްޓަން ކުރުމަށްޓަކައި ކުރެވޭ ކަންތައް ކަމަށް ޝިފާ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރެއްވި ޝިފާ ވިދާޅުވީ ޕްރީ ސްކޫލުގެ ޓީޗަރުން ދަރިވަރުން ބެލެހެއްޓުމަށް ކުރައްވާ ބުރަ މަސަކަތްތުގެ އަގު ވަޒަން ކުރެވުމުގެ ގޮތުން ބޭނުންވެލައްވާ ވަރަށް އެހީތެރިކަން ފޯރުކޮށް ނުދެއްވޭ ކަމަށެވެ. ކުދިން މޮޅު ބަޔަކަށް ވަނީ ޕްރީ ސްކޫލުގެ ތަޢުލީމުގެ ސަބަބުން ކަމަށް ޝިފާ ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އިބްރާހިމް ރަމީޒާއި އެސްކޫލުގެ ދަރިވަރުންނާއި ޓީޗަރުން ބައިވެރިވެފައި ވެއެވެ. މިއަދު ފާހަގަކުރަމުންދާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ކުޅުދުއްފުށީގެ ސްކޫލުތަކުގައި ތަފާތު ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައި އެވެ.