twitterviber whatsapp telegramfacebookyoutube instagram
20th April 2024

އެމްޑީޕީން މާދަމާ ހުޅުވާ ހަރުގެ ހުންނަ ސަރަހައްދަށް ވެލި އެޅުމުގައި ކުޅުދުއްފުށީ މަގުހަދާ ޔުނިޓުގެ މުވައްޒަފުންނާއި އެތަނުގެ ވެހިކަލް ބޭނުންކޮށްފި

May 9, 2013

އެމްޑީޕީން ކުޅުދުއްފުށީގައި މާދަމާ ހުޅުވާ އެޕާޓީގެ ހަރުގެ ހުންނަ ސަރަހައްދު ޒީނަތްތެރިކުރުމުގެ ގޮތުން، އެސަރަހައްދަށް ވެލި އެޅުމުގައި ކުޅުދުއްފުށީ މަގުހަދާ ޔުނިޓުގެ މުވައްޒަފުންނާއި އެތަނުގެ ވެހިކަލްތައް ބޭނުންކޮށްފި އެވެ.

މިއަދު ގާތްގަނޑަކަށް މެންދުރުފަހު މަގުހަދާ ޔުނިޓުގެ ވެހިކަލް ބޭނުންކޮށްގެން، އެމްޑީޕީގެ ހަރުގެ ހުންނަ ސަރަހައްދަށް ވެލި އެޅީ، ކުޅުދުއްފުށީ ހިއްކި ބިމުން ވެލިގެނެސްގެންނެވެ. އެމްޑީޕީގެ ފުރިހަމަ އަޣުލަބިއްޔަތު އޮންނަ ކުޅުދުއްފުށީ ކައުންސިލުން އަންގައިގެން، ހިއްކި ބިމުގައި އެމްޑީޕީގެ ހަރަކާތްތައް ހިންގަމުން އަންނަ ސަރަހައްދަށް ވެސް މިއަދު ވަނީ 2 ލޯރީގެ ވެލި އަޅާފައި އެވެ. ރަށު ތެރޭގައި ފެންހެދޭ ސަރަހައްދުތަކަށް ހިއްކި ބިމުން ވެލި ނަގައިގެން މީގެ ކުރިންވެސް އަޅާފައިވާކަން ފާހަގަކޮށްލެވެ އެވެ.

މިކަމާގުޅިގެން ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އިބްރާހީމް ރަމީޒް ވިދާޅުވީ ހިއްކި ބިމުން އަބަދުވެސް ވެލިނަގަމުން އަންނަ ކަމަށާއި އަދި ރަށުގެ އަޑި އަދި ފެންބޮޑުވެ ޗަކަ ހެދޭ ތަންތަނަށް ވެލި އަޅަމުން އަންނަ ކަމަށެވެ.

ރަމީޒް ވިދާޅުވީ މިއަދުވެސް ވެލި އެޅީ އެގޮތުގެ މަތިން ކަމަށާއި މިއަދު ވެލިފުނިތައް ފެންނަން ހުރީ ވެލިފުނިތައް ފެތުރޭނެގޮތް މިއަދު ނުވުމުން ކަމަށެވެ. އެހެންނަމަވެސް ކުޅުދުއްފުށި އޮންލައިނަށް އެނގިފައިވާ ގޮތުގައި، މިއަދު އިރުއޮއްސުނުފަހުން، އެތަނުގައި ހުރި ވެލިފުނިން އެއްބައި ހަރުގެ ތެރެއަށް ވައްދައި އެތަނުގެ ތެރޭގައި ވެލި ފަތުރާފައި ވެއެވެ.

މިނޫހަށް އެގިފައިވާ ގޮތުގައި ކުޅުދުއްފުށީ އަމީނީމަގު ހަދަން ހަވާލު ކޮށްފައިވާ އެމްއާރުޑީސީގެ މުއައްޒަފެއް ވެސް ކައުންސިލުގެ ވެހިކަލުގައި، މިއަދު ވެލިއެޅުމުގައި ހަރަކާތްތެރިވެފައި ވެއެވެ.

އެމްޑީޕީގެ މަސައްކަތްތަކުގައި ކުޅުދުއްފުށީ ކައުންސިލުގެ މުދަލާއި މުވައްޒަފުން ބޭނުން ކުރަމުން އަންނަ ކަމަށް ބުނެ އެހެން ބައެއް ޕާޓީތަކުގެ މެމްބަރުން އަންނަނީ ޝަކުވާކުރަމުންނެވެ.

އެމްޑީޕީ “އެއްބުރުން ބޮޑުތިލަދުންމަތި” ނަމުގައި މިހާރު އެޕާޓީން އުތުރުގެ ރަށްރަށަށް ކުރަމުން ގެންދާ ދަތުރުގައި، މާދަމާ ހެނދުނު ރައީސް ނަޝީދު ވަނީ ކުޅުދުއްފުއްޓަށް ވަޑައިގެންވުމަށް ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355