twitterviber whatsapp telegramfacebookyoutube instagram
2nd May 2024

ބައިނަލްއަގްވާމީ ފެރީ ޓާމިނަލެއް ކުޅުދުއްފުށީގައި ގާއިމުކުރާނަން: ރައީސް ނަޝީދު

May 11, 2013

އެމްޑީޕީން މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް، ކުޅުދުއްފުށީގައި ހިންގާނެ އެންމެ ބޮޑު މަޝްރޫޢަކީ، ބައިނަލްއަގުވާމީ ފެރީ ޓާމިނަލެއް ކުޅުދުއްފުށީގައި ގާއިމުކުރުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

“ބޮޑު ތިލަދުންމަތިން އެއްބުރުން” ނަމުގައި އެމްޑީޕީން ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުޅުދުއްފުށީގައި ބައިނަލްއަގުވާމީ ފެރީ ޓާމިނަލެއް ގާއިމުކުރާނެ ކަމަށާއި ޑިއުޓީ ފްރީ ޓްރާންސިޓް ބަނދަރަކަށް އެތަން ވެގެންދާނެ ކަމަށެވެ. އަދި އިންޑިޔާއިން ކުޅުދުއްފުއްޓަށް ދަތުރުކުރާ ފެރީން ޓޫރިސްޓުންގެ ގޮތުގައި އަންނަ މީހުން ކުޅުދުއްފުށި މެދުވެރިކޮށް އުތުރުގެ ތިން އަތޮޅަށް ފޮނުވައިގެން ރަނގަޅު އާމްދަނީއެއް ލިބޭނެކަމަށެވެ. އެގޮތުން އެމްޑީޕީގެ ގެސްޓްހައުސް ސިޔާސަތުގެ ދަށުން 20 ރަށެއްގައި ގެސްޓުހައުސް އަޅާނެކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ބޮޑުތިލަދުންމަތީގެ ތަރައްޤީ “ބަގާވާތުގެ” ސަބަބުން ހުއްޓިފައިވާ ކަމަށެވެ. އެމްޑީޕީން ބޭނުންވަނީ ރައްޔިތުމީހާގެ ޖީބަށް ވަންނަ އެއްޗެއް އިތުރުކުރުމަށާއި މިރާއްޖޭގެ ރައްޔިތުންނަކީ އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ރައްޔިތުންތަކަށް ހަދަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީން ބޮޑުތިލަދުންމަތީގެ ތަރައްޤީއަށް ކުރާނެ މުހިއްމު ބައެއް ކަންކަމުގެ ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން ހއ. ދިއްދޫ، ހޯރަފުށި، މޮޅަދޫ، ތަކަންދޫ، އިހަވަންދޫ، ހދ. ނޮޅިވަރަމް، ނޮޅިވަރަންފަރު، ވައިކަރަދޫ ކުމުންދޫ އަދި ށ. އަތޮޅުން ފީވަށް، ފޮނަދޫ، ކަނޑިތީމް، މަތިކޮމަންޑޫ، ނޫމަރާ، މިލަންދޫ، ނޭކުރަންދޫގައި ގެސްޓުހައުސް އަޅުއްވައި ދެއްވާނެކަމަށެވެ.

800 އަށްވުރެ ގިނަ މީހުން ބައިވެރިވި މި ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ 3 ހަފުތާ ތެރޭގައި 2800 މީހުން މުޅިން އަލަށް އެމްޑީޕީ އާއި ގުޅިފައިވާ ކަމަށެވެ. އަދި “އެއްލަކިން” މިއަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީ ކާމިޔާބު ކުރައްވާނެ ކަމަށް އަބްދުﷲ ޝާހިދު ވިދާޅުވި އެވެ.

މިޖަލްސާގައި ކުޅުދުއްފުށީ އުތުރު ދާއިރާ މަޖިސް މެމްބަރު އަބުދުލްގަފޫރު މޫސާ އާއި ތޮއްޑު ދާއިރާގެ މަޖިލިސް މެމްބަރު އަލީ ވަހީދު ވަނީ އަދާލަތު ޕާޓީ އަށާއި ރައީސް ވަހީދުއަށް ވަރަށް ބޮޑަ ފާޑުވިދާޅުވެ ވާހަކަ ފުޅު ދައްކަވާފައެވެ. އަދި ޖަލްސާގައި ވަނީ ކުޅުދުއްފުށީގެ ބައެއް މީހުން އެމްޑީޕީ އަށް ސޮއި ކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355