ކުޅުދުއްފުށީ އަމީނީމަގުގެ މެދު ގައި ޖަހާފައި ހުރި މަގުބައްތިތައް އަމީނީމަގު ހެދުމުގެ މަސައްކަތް ކުރަމުންދާ އެމްއާރުޑީސީގެ މުވައްޒަފުން ނަގަން އުޅުމުން އެކަމަށް ބަޔަކު ހުރަސް އަޅައިފި އެވެ.
މިކަމާ ގުޅިގެން އެތަނުގައި ހޮޅިދަނޑިތައް ނެގުމާ ދެކޮޅު ހެދި ފަރާތެއް ބުނީ އެއީ ރައްޔިތުންގެ ހޮޅިދަނޑިތަކެއް ކަމަށާއި އެހޮޅިދަނޑިތައް ނެގުމަށްފަހު މަގު އަނދިރިކޮށްފައި ނުބޭއްވޭނެކަމަށެވެ. އޭގެ ބަދަލު ގައި އެހެން ހޮޅިދަނޑިތަކެއް މަގުގެ ކައިރީގައި ޖަހާ ދިއްލުމަށް ފަހު މެދުގައި ޖަހާފައި ހުރި ހޮޅިދަނޑި ތައް ނެގިދާނެކަމަށެވެ.
މިކަމާ ގުޅިގެން އެމްއާރުޑީސީ އިން ބުނީ އެކުންފުނިން ނަގަން މަސައްކަތް ކުރަނީ ކުޅުދުއްފުށީގެ އުތުރު ކޮޅުގައި ޖަހާފައި ހުރި ނުދިއްލޭ 10 މަގުބައްތި ކަމަށާއި އެ ހޮޅިދަނޑިތައް މަރާމަތު ކުރުމަށްފަހު މަގުގެ އެއް ފަރާތަށް ބަދަލު ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެމްއާރުޑީސީގެ މުވައްޒަފުން ހޮޅިދަނޑިތައް ނެގުމަށް އެތަކެތީގައި ވާއެއްސުމަށްފަހު މަސައްކަތް ފެށުމުން އެތަނަށް އެއްވިމީހުން އެކަމަށް ހުރަސް އެޅުމުން މަސައްކަތް ކުރިއަށް ގެންދެވޭގޮތް މިއަދު ވަނީ ނުވެފައެވެ. މިއަދު މަސައްކަތް ނިންމާލިއިރު ނެގިފައިވަނީ އެންމެ ހޮޅިދަނޑި އެކެވެ. އެމްއާރުޑީސީ އިން ބުނީ އެއްވެސް މީހަކަށް އަނިޔާއެއް ވެދާނެ ގޮތަކަށް ހޮޅިދަނޑިތައް ނުނަގާނެ ކަމަށެވެ.
މިކަމާ ގުޅިގެން އެތަނުގައި ހަރަކާތްތެރިވަމުން ދިޔަ ކުޅުދުއްފުށީ ކައުންސިލްގެ ނައިބު ރައީސް ފާރޫގު މުހަައްމަދަށް ގުޅާލުމުން ވަނީ މިނޫހަށް އެއްވެސް މައުލޫމާތެއް ދިނުމަށް އިންކާރު ކޮށްފަ އެވެ. ހޮޅިދަނޑިތައް ނެގުމަށް ހުރަސްއެޅުމަށް އެސަރަހައްދަށް އެއްވި މީހުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީއަށް ނިސްބަތްވާ މީހުންނެވެ.