ގުޅިފައިވާ ކޯލިޝަން ސަރުކާރަށް ތާއީދު ކުރާ ބަޔަކު ކުޅުދުއްފުށީގައި މިރޭ ކުރި މުޒާހަރާއަކަށް އެމްޑީޕީގެ ސަޕޯޓަރުން ހުރަސް އެޅުމުން ހަމަނުޖެހުން ހިނގައިފި އެވެ.
ކުޅުދުއްފުށީ އަމީނީމަގުގެ މެދުގައި ޖަހައިފައި ހުރި މަގުބައްތިތައް އަމީނީމަގު ހެދުމުގެ މަސައްކަތް ކުރަމުންދާ އެމްއާރުޑީސީގެ މުވައްޒަފުން މިއަދު ނަގަން މަސައްކަތް ކުރުމުން ކުޅުދުއްފުށީ ކައުންސިލަރުންނާއި އެމްޑީޕީގެ ސަޕޯޓަރުން އެކަން ހުއްޓުވާފައިވާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ކުރި މި މުޒާހަރާގައި ހަމަނުޖެހުން ހިނގަން މެދުވެރިވީ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ކުޅުދުއްފުށީ އަމީނީމަގުން މުޒާހަރާ ކުރަމުން ދަނިކޮށް އެމްޑީޕީގެ ސަޕޯޓަރުން ހުރަސް އެޅުމުންނެވެ.
މުޒާހަރާގެ ބައިވެރިން “ފެހިދޫލަ” ފިހާރަ އާ އަރާހަމަވިތަނާހެން އެތަނުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންތަކެއް ސައިކަލުގައި ތިބެ ބަރުގޮނު އަޅަމުން މުޒާހަރާގެ ކުރިމަތިންނާއި ފަހަތުން ދުއްވަމުން ގޮސްފައި ވެއެވެ. މުޒާހަރާ ކުރަމުންދިޔަ މީހުން ނިކަގަސްމަގަށް އަޅާ ބަންޑާރަމަގު ދެކުނުން އައި އިރުވެސް އެމްޑީޕީގެ ސަޕޯޓަރުން މުޒާހަރާގެ ފަހަތުންނާއި ކުރިމަތިން ސައިކަލުގައި ބަރުގޮނު އަޅަމުން އައިސް މުޒާހަރާގެ ބައިވެރިން ޕީޕީއެމް ހޮޅުއަށި ކައިރިއަށް މަޑުކޮށްފައިވަނިކޮށް، މުޒާހަރާ މަޑު ކުރި ހިސާބުން ދެފަރާތުގެ ބައެއް ސަޕޯޓަރުން ވަނީ ހޫނުކޮށް ޒުވާބު ކުރުމަށް ފަހު އެއްބަޔަކު ގަޔަށް އަތްލާ މާރާމާރީ ހިންގާފައެވެ. އެވަގުތު އެތަނުގައި އާދައިގެ އެއްޗެހި ލައިގެން އުޅުނު ފުލުހުންނާއި ޔުނީފޯމުގައި ހަރާކާތެރިވި ފުލުހުން ވަނީ އެމްޑީޕީގެ ސަޕޯޓަރުން އެތަނުން ދުރުކޮށްފަ އެވެ.
މުޒާހަރާގައިވަނީ ރައީސް ނަޝީދުއާ ދެކޮޅަށް އަޑުއުފުލާ ކުޅުދުއްފުށީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް ގަފޫރު މޫސާގެ އިސްތިއުފާ އަށާއި ކައުންސިލްގެ އިސްތިއުފާ އަށް ގޮވާލާފަ އެވެ