twitterviber whatsapp telegramfacebookyoutube instagram
27th September 2026

ބަޖެޓުގެ ތާށިކަމުން 5 ލައްކައަށްވުރެ ގިނަ ރުފިޔާ ކަރަންޓު ބިލްތަކަށް ނުދެއްކި އެބަހުރި: ކެލާ ކައުންސިލް

May 13, 2013

ހއ. ކެލާ ކައުންސިލުން ދައްކަންޖެހޭ ކަރަންޓު ބިލްތައް ދެއްކުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް އެކައުންސިލުގެ ނައިބު ރައީސް އަލީ ޝަރީފް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށި އޮންލައިނަށް މައުލޫމާތު ދެއްވަމުން ނައިބު ރައީސް އަލީ ޝަރީފް ވިދާޅުވީ، އެކައުންސިލުން ދައްކަންޖެހި ނުދެއްކިވާ ކަރަންޓު ބިލްތަކުން 5 ލައްކައެއްހާ ރުފިޔާ ނުދެއްކި އެބަހުރި ކަމަށެވެ.

“އެހެން ކައުންސިލުތަކެކޭ އެއްފަދައިން މިރަށު ކައުންސިލަކީ ބަޖެޓުގެ ތާށިކަން ވަރަށް ބޮޑު ކައުންސިލެއް. 2012 ވަނަ އަހަރުން ފެށިގެން ކަރަންޓު ބިލު ތަކަށް ދައްކަން ޖެހޭ 5 ލައްކައެއްހާ ރުފިޔާ ނުދެއްކި އެބަހުރި.” އަލީ ޝަރީފް ވިދާޅުވި އެވެ.

މިގޮތުން މަގުތަކާއި މިސްކިތުގެ ކަރަންޓު ބިލު ހިމެނޭގޮތަށް މަހެއްގެ މައްޗަށް ގާތްގަނޑަކަށް 38 ހާސް ރުފިޔާ އަރާ ކަމަށާއި ބިލު ނުދައްކައިގެން ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާރު ޔޫޓިލިޓީޒް އިން އަދި ދީފައިނުވި ނަމަވެސް އެހެނިހެން ޚަރަދުތައް ހަމަޖައްސަމުން ކަރަންޓު ބިލުގެ ބައިތައްވެސް ދައްކަމުންދާ ކަމަށް އަލީ ޝަރީފް ވިދާޅުވި އެވެ.

އަލީ އިތުރަށް ވިދާޅުވީ ކައުންސިލަށް ދިމާވެފައިހުރި ދަތިތަށް ހައްލުކުރުމަށް އިދާރީ ގޮތުން ކައުންސިލުން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން ދާކަމަށާއި ކަމާބެހޭ ފަރާތްތަކަށް ރަސްމީކޮށް ބަޖެޓު ހޯދުމަށް އެކިފަހަރުމަތިން އެދުމުންވެސް އެއްވެސް އެދެވޭ ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

އާބާދީގައި 2200 އަށްވުރެ ގިނަ މީހުން ދިރުއުޅޭ ކެލައަކީ ދަނޑުވެރިކަމުގެ މަސައްކަތް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293