ހއ. އުލިގަމު ގައި ޔޮޓު ފަހަރަށް ހިދުމަތް ދިނުމުގެ ވިޔަފާރި ވަނީ އިނދަޖެހިފައި ކަމަށް އުލިގަމް ކައުންސިލްގެ ރައީސް އިމާދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނޫހަށް މައުލޫމާތު ދެއްވަމުން އިމާދު ވިދާޅުވީ އުލިގަމަކީ މާލެ ފިޔަވާ އެންމެ ގިނަ ޔޮޓްފަހަރު ޒިޔާރަތް ކުރާ އެއް މަންޒިލް ކަމަށާއި މިގޮތުން ކުރިން އަހަރެއްގެ މައްޗަށް 120 ޔޮޓު އުލިގަމުގައި ބަނދަރު ކުރި ނަމަވެސް އެއަދަދު މިހާރު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. މިކަމުގެ ސަބަބުން ޔޮޓުފަހަރުގައި އަންނަ ޓޫރިސްޓުންނަށް ޚިދުމަތްދިން މީހުންގެ ވިޔަފާރިތައް ވަނީ އިނދަޖެހިފައެވެ.
ކުރީގެ އަހަރުތަކުގައި ފެބްރުއަރީން ފެށިގެން އޭޕްރީލްގެ ނިޔަލަށް އެއީ ވަރަށް ބާރުބޮޑުވާ ދުވަސްވަރެއް ކަމަށާއި ދުވާލެއްގެ މައްޗަށް 7 ނުވަތަ 10 ޔޮޓު ކުރިން އުލިގަމަށް އާދެއެވެ. އެހެން ނަމަވެސް މި އަހަރު މިހާތަނަށް އަދި އައިސްފައިވަނީ އެންމެ 15 ޔޮޓުކަން އިމާދު ފާހަގަ ކުރެއްވި އެވެ.
އިމާދު ވިދާޅުވީ އެންމެ ގިނަ ޔޮޓު ފަހަރު އަންނަނީ ސްރީލަންކާ އާއި ގޯއާ އިން ކަމަށާއި އުލިގަމު ބަނދަރުގައި ހަފްތާ ނުވަތަ 2 ހަފްތާ ވަންދެން ބަނދަރުކޮށްފާ އޮންނަ ފަހަރުވެސް މަދު ނޫންކަމަށެވެ. އެހެން ނަމަވެސް ޔޮޓުތައް އައުން މަދުވެފައި މިވަނީ ޓުއަރިޒަމް ޤާނޫނަށް ގެނައި ބަދަލާއި ޔޮޓު ތަކުން ނަގާ ޗާޖުތައް ބޮޑުވުމުގެ ސަބަބުންނާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކައިރީގައި ކަނޑު ފޭރޭ މީހުންގެ ހަރަކާތްތައް އިތުރުވުމުގެ ސަބަބުންނާއި ސެކިއުރިޓީގައި މައްސަލަތަކެއް ހުރުންކަމަށް ޤަބޫލު ކުރެވޭކަމަށްވެސް އިމާދު ވިދާޅުވި އެވެ.
އިމާދު ވިދާޅުވީ އުލިގަމަކީ ގެސްޓް ޝޮޕެއް ނެތް ރަށެއް ނެތް ނަމަވެސް ދުވަސްވަރާއި ދިމާކޮށް ކައިރި ރަށްރަށުން ތަކެތި ގެންނަ ކަމަށާއި ގެސްޓުންނަށް ހާއްސަ ތަފާތު ހަރަކާތްތައް އެދުވަސްވަރު ރަށުގައި ހިންގާ ކަމަށެވެ.
އާބާދީގައި 501 މީހުން ދިރިއުޅޭ އުލިގަމަކީ އެކަށީގެންވާ ވަރުގެ ވަސީލަތްތަކާއެކު ހިދުމަތްތައް ގާއިމުކުރެވިއްޖެނަމަ މިކަމުން ބޮޑު މަންފާއެއް ލިބިގަނެވޭނެ ރަށެއް ކަންވެސް އިމާދު ފާހަަގަ ކުރެއްވި އެވެ.