އެމްޑީޕީގެ އެގްރިވިޔަފާރީގެ ސިޔާސަތު ރަސްމީކޮށް ކުޅުދުއްފުށީގައި މިއަދު އިފްތިތާހު ކޮށްފި އެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން އެމްޑީޕީގެ ސިޔާސަތުތައް ރައްޔިތުންނަށް ހުށަހެޅުމަށް މިހާރު ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން އެގްރިވިޔަފާރީގެ ސިޔާސަތު މުޅި ރާއްޖޭގައި އިފްތިތާހު ކުރިއިރު، ކުޅުދުއްފުށީގައި މި ސިޔާސަތު އިފްތިތާހު ކޮށްދެއްވީ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.
އެމްޑީޕީއިން ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވީ އެގްރިވިޔަފާރީގެ ސިޔާސަތުގެ ތެރެއިން 1000 މީހުން ތަމްރީން ކުރެވޭނެކަމަށާއި ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެތި ގަތުމަށް އެމްޑީޕީގެ ސަރުކާރެއްގައި ކުންފުންޏެ އުފައްދާނެކަމަށެވެ.
“ހެއްދި އެތިކޮޅު ދޭ ކިރާލަން، ވަގުތުން ފައިސާ ދޭ” މިޝިއާރުގެ ދަށު އިފްތިތާހު ކޮށްދެވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ މިކަމަކީ ބޮޑަށް ދަނޑުވެރިކަން ކުރުމުގެ ގޮތުން ކުރާކަމަކަށް ވުރެ ވިޔަފާރީގެ ގޮތުން ނަފާ ހޯދުމަށް ކުރާ ކަމެއްގެ ގޮތުގައި އެމްޑީޕީން ކުރާ ކަމެއްކަށާއި އެޕާޓީގެ ވިސްނުމަކީ ރައްޔިތުމީހާގެ ޖީބަށް ވަންނަ ފައިސާ އިތުރު ކުރުންކަމަށެވެ.
ރައީސް ނަޝިދު ވިދާޅުވީ ދަނޑުވެރިން އުފައްދާ ތަކެތި ގަތުމަށް ސަރުކާރުގެ ކުންފުނިން އެތަކެތި ހަލާކު ނުވެ ގިނަ ދުވަހު ރައްކާތެރިކާމާއެކު ބަލަހައްޓާނެކަމަށާއި އަދި ރާއްޖޭގެ ދަނޑުވެރިން އުފައްދާ ތަކެތި މިކުންފުނި މެދުވެތި ކޮށް ރާއްޖޭގެ ރިސޯޓް ތަކަށް ގެންދެވޭނެކަމަށެވެ.
އެމްޑީޕީގެ ދަނޑުވެރިކަމުގެ މިސިޔާސަތު އެއްފަހަރާ މިއަދު ވަނީ ރާއްޖޭގެ 2 ސިޓީއެއްގަ އާއި 18 އަތޮޅެއްގައި އިފްތިތާހު ކޮށްފައެވެ.