ކުޅުދުއްފުށީގައި ފުރަތަމަ ފަހަރަށް ވޯލްޑް އެތްލެޓިކްސް ޑޭ ފާހަގަ ކޮށްފި އެވެ
މިދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު އެތްލެޓިކްސްގެ ހަރަކާތް ތަކަކާއި ރަށް ފެހި ކުރުމުގެ ޕްރޮގްރާމެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިގޮތުން މިއަދު ހެނދުނު ފެށުނު ފެހި ޕްރޮގްރާމުގައި އެތްލީޓުން ވަނީ ސުފުރާމަތި ރެސްޓޯރަންޓުގެ ހުޅަނގު ފަރާތު ހުސް ބިމުގައި ގަސް އިންދާފައެވެ. އަދި އެތްލެޓިކްސް ހަރަކާތް ތަކުގެ ތެރޭގައި އިންޑިވިޖުއަލް އަދި ޓީމް ހަރަކާތްތައްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. މިގޮތުން ރިލޭއާއި، ލޯންގު ޖަންޕާއި، އެކި ދުރުމިނުގެ ދުވުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މިއަދު ކުރިއަށް ގެންދެވުނު އެތްލެޓިކްސްގެ މި ހަރަކާތް ތަކުގައި ބައިވެރިވެފައިވަނީ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓުގައި ބައިވެރިވުމަށް ހަމަޖެހިފައިވާ ދަރިވަރުންނެވެ.
އެތްލެޓިކްސް އެސޯސިއޭޝަންގެ ޖެނެރަލް ސެކެޓްރީ އަހުމަދު މުންތަގިމް ވިދާޅުވީ މިއީ ވަރަށް ކާމިޔާބު ހަރަކާތެއް ކަމަށާއި ކުޅުދުއްފުށިން އެބޭފުޅުން ނެރެން ބޭނުންވި ނަތީޖާ ނެރެވިއްޖެ ކަމަށެވެ.
“މި ދެ އިވެންޓުވެސް މި ދިޔައީ ހަމަ އަޅުގަނޑުމެން ރޭވި ގޮތަށް. ވަރަށް ފުރިހަމަކޮށް. އިމްތިހާން ގާތްވެފައޮތް ނަމަވެސް ސްކޫލު ތަކުންނާއި އެތްލީޓުންގެ ފަރާތުންވެސް ވަރަށްބޮޑު އެއްބާރުލުމެއް ލިބިގެންދިޔަ.” މުންތަގިމް ވިދާޅުވި އެވެ
އެތްލެޓިކްސް ޑޭ ފާހަގަ ކުރުމަށް ކުޅުދުއްފުށީ ކައުންސިލާއި އެތްލެޓިކްސް އެސޯސިއޭޝަނާއި ގުޅިގެން ކުޅުދުއްފުށިން ލީޑުކޮށްފައިވަނީ ގްރެޖްއޭޓް ޓީޗަރ އަލީ ޝަރީފާއި މުހައްމަދު ހަސަން (މުގޫ) އެވެ.
މިއީ ކުޅުދުއްފުށީގައި ވޯލްޑް އެތްލެޓިކްސް ޑޭ ފާހަގަ ކުރެވުނު ފުރަތަމަ ފަހަރެވެ. އަދި މިއީ މިއަހަރު މިދުވަސް ރާއްޖޭގެ ރަށެއްގައި ފާހަގަ ކުރެވުނު ފުރަތަމަ ފަހަރުވެސް މެއެވެ. ކުޅުދުއްފުށީގެ އިތުރުން މިއަހަރު އައްޑުއާއި ލާމު އަތޮޅުގައި ވެސް މި ދުވަސް ފާހަގަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.