ދުނިޔޭގެ މުވާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވަތަނިއްޔާއިން އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ސޯޝަލް މީޑިޔާ ކެމްޕޭނެއް ފަށައިގެން ކުރިއަށް އެބަގެންދެއެވެ.
މިއަހަރުގެ ޝިއާރު ކަމުގައިވާ “އައިސީޓީސް އެންޑް އިމްޕްރޫވިން ރޯޑްސޭފްޓީ” ގެ ނަމުގައި ކުރިއަށްގެންދާ މި ކެމްޕޭނުގައި ރޯޑު ސޭފްޓީއަށް އައިސީޓީގެ މުހިއްމުކަން އަންގައިދޭނެ މެސެޖްތައް ފޯރުކޮށްދޭނެ ކަމަށް ވަތަނިއްޔާއިން މައުލޫމާތު ދެއްވައެވެ.
މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން ވަތަނިއްޔާގެ ސީއީއޯ ހާރޫން ޝަހުލް ހަމީދު ވިދާޅުވީ ޓެލެކޮމިއުނިކޭޝަން ދާއިރާއާއި މަގުމަތީގެ ސަލާމަތާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަމަށެވެ.
“މިހާރު ކޮންމެ މީހެއްގެ އަތުގައި ފޯނެއް އޮންނައިރު، މަގުމަތީގައި ދުއްވާ އެއްޗެހީގައި އުޅުއްވާއިރު، ތިމާއާއި އެހެން މީހުންގެ ސަލާމަތަށް ވިސްނުމަކީ ފަރުދީ ޒިންމާއެއް. އަދި ހެދިފައިވާ ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ފޯނު އަދި އެހެނިހެން އާލާތްތައް ބޭނުން ކުރުން ވަރަށް މުހިއްމު.” ހާރޫން ޝަހުލް ވިދާޅުވި އެވެ.
ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސް ވުޖޫދަށް އައި ފަހުން ރާއްޖޭގެ މުވާސަލާތީ ހިދުމަތްތަކަށް ފާހަގަ ކޮށްލެވޭ ހެޔޮ ބަދަލުތަކެއް އައިސްފައި ވާކަން ފާހަގަ ކޮށްލަން ޖެހެއެވެ. އަދި ވޭތުވެ ދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި އެކުންފުނިން ވަނީ ރާއްޖޭގައި އައިސީޓީ ދާއިރާ ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
ދުނިޔޭގެ މުއާސަލާތާ ބެހޭ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 17 ވަނަ ދުވަހުއެވެ.