ހަނިމާދޫ ކައުންސިލުން ސަރުކާރުގެ އެކި ވުޒާރާތަކުގެ ވެރިންނާ ބައްދަލުކުރުމަށް މާލެއަށް ޒިޔާރަތް ކޮށްފި އެވެ.
ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސަލާމް އަލީ މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ދަތުރަކީ ހަނިމާދޫގެ މަގުހެދުމުގެ މަޝްރޫއާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ކުރެއްވި ދަތުރެއް ކަމަށެވެ. އެހެން ނަމަވެސް އެހެނިހެން މިނިސްޓްރީތަކާ ބައްދަލުކުރާނެ ފުރުސަތު ލިބުނު މިންވަރުން ބައްދަލުކޮށްފައިވާކަމަށް އަބްދުއް ސަލާމް ވިދާޅުވި އެވެ.
މިގޮތުން ހައުސިންގ މިނިސްޓްރީ އާ ބައްދަލުކުރުމުން މަގު ހެދުމުގެ މަޝްރޫއުގެ އީއައިއޭ ރިޕޯޓު ނުނިމޭކަން އެނގިފައިވާކަމަށާއި ތާރު އެޅުމުގައި އަނެއްކައިވެސް ލަސްތަކެއް އަންނާނެ ކަމަށެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީ އާ ބައްދަލުކުރީ މިސްކިތް އިމާރާތް ކުރުމުގެ މައްސަލައިގައި ކަމަށާއި 700 މީހުންގެ ޖާގައިގެ މިސްކިތެއް އިމާރާތް ކުރާނެ ލޮކޭޝަނެއް ހަމަޖެއްސުމުން އެސަރަހައްދަކީ ގަބުރު ނެތް ސަރަހައްދެއްކަން ޔަގީން ކުރުމަށް އަންގާފައިވާ ކަމަށެވެ. މިގޮތުން ދުވަސްވީ މީހުން މީހުންކައިރީގައި އަހައިގެން އެސަރަހައްދުގެ%60 ކޮނުނު އިރުވެސް ފެނުނީ އެންމެ ގަބުރެއް ކަމަށާއި މިކަންކަން މިނިސްޓަރަށް ދަންނަވާފައިވާނޭކަމަށް ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވީ ކައުންސިލުގެ މިދަތުރުގައި ޓޫރިޒަމް މިނިސްޓްރީ ގެ ބޭފުޅުންނާވެސް ބައްދަލު ކުރުމުގެ ފުރުސަތު ލިބިލެއްވި އެވެ. މިގޮތުން އަންނަ ހަފްތާގެ ތެރޭގައި މިނިސްޓްެރީ އާއި ހަނިމާދޫ ކައުންސިލާއި ދެމެދު ފަތުރުވެރިކަމުގެ އެމްއޯޔޫއެއްގައި ސޮއި ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ. މި އެމްއޯޔޫގެ ސަބަބުން ތަންތަން ތަރައްގީ ކުރުމަށް 50 އަހަރަށް ދޫކޮށްލެވޭނެ ކަމަށާއި މިކަމުގެ ސަބަބުން ހަނިމާދޫއަށް ބޮޑެތި ފައިދާތަކެއް ލިބިގެން ދާނެ ކަމަށް އަބްދުއްސަލާމް ވިދާޅުވިއެވެ.
މިދިޔަ ހަފްތާގައި ހަނިމާދޫ ކައުންސިލުން ކުރެއްވި މިދަތުރުގައި އެ ކިފަހަރު މަސައްކަތް ކުރުމުން ވެސް އެޑިއުކޭޝަން މިނިސްޓްރީއަށް ޒިޔާރަށް ކުރުމުގެ ފުރުސަތު ލިބިފައި ނުވާކަން ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.