ހދ ނޮލިވަރަމު ކައުންސިލްގެ ރައީސާއި ނައިބު ރައީސް އަދި އިތުރު މެމްބަރެއް ޖުމްހޫރީ ޕާޓީ އާ އިއްޔެ ގުޅިވަޑައިގަތުމުން އެކައުންސިލުގެ އަގުލަބިއްތު ޖުމްހޫރީ ޕާޓީއަށް ލިބިއްޖެ އެވެ.
ހދ އަތޮޅަށް ގާސިމް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ނޮޅިވަރަމަށް ވަޑައިގެން ބޭއްވި ކުޑަ ހަފްލާ އެއްގައި ޖޭޕީ އަށް ސޮއި ކުރައްވާފައި ވަނީ އެކައުންސިލްގެ ރައީސް ޝާފިޢު މުހައްމަދާއި ނައިބު ރައީސް އަލީ ނާޒިމާއި އެކައުންސިލްގެ ކުރީގެ ރައީސް މުހައްމަދު ޒިޔާދެވެ.
ކުޅުދުއްފުށި އޮންލައިނުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކުރިން އެމްޑީޕީ ގައި ހުންނެވި ކައުންސިލްގެ ރައީސް ޝާފިޢު މުހައްމަދު ވިދާޅުވީ ޖޭޕީއާ ގުޅުނީ ރަށުގެ ތަރައްގީ އަށް ނުކުރެވި ހުރި ބައެއް ކަންކަން ކުރުމުގެ ފެހި ސިގުނަލެއް ލިބިފައިވާތީ ކަމަށެވެ. އެމްޑީޕީ ދޫކޮށްލަން ޖެހުނީ އެބޭފުޅުނާއި އެމްޑީޕީއާ ގުޅުން އޮންނަން ޖެހޭވަރަށް ގުޅުން ނޯންނާތީ ކަމަށާއި އެމްޑީޕީގެ އިސްވެރިން އެރަށަށް ވަޑައިގަންނަވާއިރު އެންމެ ކުޑަމިނުން ކައުންސިލްގެ ރައީސް އަށް އަންގައިވެސް ނުލާކަމަށެވެ. އަދި އޭނާ ވަނީ އެމްޑީޕީން މުޅިން ބޭކާރު ކޮށްލައިފައި ކަމަށް ވިދާޅުވި އެވެ.
ޝާފިއު ވިދާޅުވީ އެމްޑީޕީގެ ނޮޅިވަރަމް ގޮފީގެ ބޭފުޅުންގެ ނުފޫޒު ޕާޓީ ތެރޭގައި ގަދަވެ ކައުންސިލަރުން ދައްކަވާ ވާހަކަތައް ޕާޓީގެ އިސްވެރިންގެ ކައިރީގައި އާރުލާ ވާހަކަ ތަކަކަށް ނުވުންވެސް މިއީ އެމްޑީޕީ އާ ވަކިވާން ޖެހުނު ސަބަބެއް ކަމަށެވެ.
އިއްޔެ ޖުމްހޫރީ ޕާޓީއާ ގުޅުނު ކުރީގެ އެކައުންސިލްގެ ރައީސް މުހައްމަދު ޒިޔާދު ވަނީ މީގެ ކުޑަ ދުވަސް ކޮޅެއް ކުރިން އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އަދި ކައުންސިލްގެ ނައިބު ރައީސް އަލީ ނާޒިމަކީ ވެސް ކުރިން އެމްޑީޕީގެ މެމްބަރެކެވެ.
ތިން ކައުންސިލަރުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމުން ދެން އެކައުންސިލްގައި ތިއްބަވާނީ އަދާލަތު ފާޓީގެ މެމްބަރަކާއި އަމިއްލަ މެމްބަރެކެވެ.