އަމާޒަކީ ކައުންސިލުގެ އެހެން މެމްބަރުންނާ ގުޅިގެން ހިޔާލު ތަފާތުވުންތަކާ އެކުވެސް ވީ އެންމެ ރަނގަޅަކަށް މަސައްކަތް ކުރުން ކަމަށް ހދ އަތޮޅު ކައުންސިލުގެ ނައިބުރައީސް ކަމަށް އަލަށް އިންތިޚާބުވި ނަސްރުﷲ އިސްމާއިލް ވިދާޅުވެއްޖެ އެވެ.
މިނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަސްރުﷲ ވިދާޅުވީ އަތޮޅު ކައުންސިލުގެ މަސައްކަތްތައް ކުރިއަށްދަނީ އެދެވޭ ގޮތެއްގައި ކަމަށާއި އެހެން ނަމަވެސް ރައްޔިތުން ބޭނުންވާ ބާރު ސްޕީޑުގައި މަސައްކަތްތައް ކުރިއަށް ގެއްދިޔުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
މިގޮތުން އަތޮޅު ކައުންސިލް އުފެދުނުއިރު ހުރި އެސެޓުތަކާއި ލާމަރުކަޒީ ޤާނޫނާއި ޚިލާފަށް އުފައްދާފައިވާ ހުރި ޤައުމީ އިދާރާ ތަކުގެ ސަބަބުންވެސް އަތޮޅު ކައުންސިލުގެ ހިންގުމަށް ދަތިތަކެއް ކުރިމަތިވިކަން ނަސްރުﷲ ފާހަގަކުރެއްވި އެވެ.
އެމްޑީޕީގައި ހުރެގެން ރައީސް ވަހީދުގެ ފަހަތްޕުޅުގައި ކޮންމެވެސް ވަރަކަށް ފެންނަމުންދަނީ ކީއްވެގެންތޯ ސުވާލުކުރުމުން ނަސްރުﷲ ވިދާޅުވީ ރައީސް ވަހީދު ކަމުގައިވިޔަސް ރައީސްކަމުގެ ހުވާ ކުރައްވައިގެން ހުންނެވި ބޭފުޅަކު ރަށަށް ވަޑައިގަތުމުން އެތަނަށް ދިޔުމަކީ މައްސަލައެއް ކަމަށް ޤަބޫލު ނުކުރައްވާ ކަމަށާއި، އެއީ އެމްޑީޕީގެ ފިކުރާ ދެކޮޅުވެރިވުމުގެ ގޮތުން ކުރައްވާ ކަމެއް ނޫންކަމަށް ނަސްރު ވިދާޅުވި އެވެ.
ނަސްރުﷲ ކައުންސިލުގެ ނައިބު ރައީސްކަމުގެ މަގާމަށް އިންތިހާބުކޮށްފައިވަނީ މިމަހުގެ 16 ވަނަ ދުވަހު ބޭއްވި އެކައުންސިލުގެ ކުއްލި ބައްދަލުވުމެއްގައި އެވެ. ހދ އަތޮޅު ކައުންސިލުން އަމަލުކުރަމުން އަންނަ ގޮތަކީ ކޮންމެ އަހަރަކު އެއްފަހަރު ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް އާ ބޭފުޅަކު ހަމަޖެއްސެވުމެވެ.
އެގޮތުން ނަސްރުﷲ އިންތިހާބުކޮށްފައިވަނީ ކުރިން ހުންނެވި ނައިބު ރައީސް ޒަކަރިއްޔާ އެމަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަސްރުﷲ ގެ އިތުރުން ނައިބު ރައީސްގެ މަގާމަށް ވާދަކުރެއްވީ ނޮޅިވަރަމް ދާއިރާގެ ކައުންސިލަރ އަލީ ހުސައިނެވެ. ނަސްރުﷲ އަށް 7 ވޯޓު ލިބިވަޑައިގަތްއިރު އަލީ ހުސައިން އަށް ލިބިވަޑައިގަތީ 3 ވޯޓެވެ.