ސަރުކާރުން އެންމެ ފަހުން ރިސޯޓްގެ ގޮތުގައި ތަރައްގީ ކުރަން ހުޅުވާލި ރަށްތަކުގެ ތެރޭގައި ގައި ހދ އަތޮޅުގެ ރަށެއް ނެތުމާއި މީގެ ކުރިން ރިސޯޓް ތަރައްގީ ކުރަން ދީފައިވާ ރަށްތަކުގެ މަސައްކަތް ހުއްޓިފައިވާތީ މުޅިހދ އަތޮޅު އިހުތިޖާޖު ކުރަންޖެހިދާނޭކަމުގެ އިންޒާރު ހދ. އަތޮޅު އަތޮޅު ކައުންސިލުން ސަރުކާރަށް ދީފި އެވެ.
އެކައުންސިލްގެ 10 މެމްބަރުން ސޮއި ކޮށް މިދިޔަ ބުރާސްފަތި ދުވަހު އާންމު ކުރި ބަޔާނުގައި ވަނީ، ހދ އަތޮޅަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅަށް ވާއިރު އިގުތިސޯދީ ގޮތުން ހަރަކާތްތަކެއް ނެތުމުގެ ސަބަބުން އާބާދީގެ ގިނަ ރައްޔިތުން ތަކެއް ދިރިއުޅެންޖެހިފައި ވަނީ ވަޒީފާއެއް ނުލިބިކަމަށާއި އެކަމުގެ ސަބަބުން އަތޮޅުގެ އާންމު ހާލަތު ދަށްވެ އިގުތިސޯދީ ގޮތުން ދިރިއުޅުމުގެ ހުރިހާ ކަމަކަށް އަސަރު ފޯރަމުން ދާކަމަށެވެ. އަދި ރާއްޖޭގެ އިގުތިސޯދުގެ މައިތަނބަކީ ޓޫރިޒަމް ކަމަށް ވާއިރު ހދ އަތޮޅަކީ މިހާތަނަށް އެއްވެސް ރިސޯޓެއް ނެތް ހަމައެކަނި އަތޮޅު ކަން އެބަޔާނުގައި ވަނީ ފާހަގަ ކުރައްވާފަ އެވެ.
މިބަޔާނުގައި ވަނީ ފާއިތުވެ ދިޔަ ދެ ސަރުކާރާއި މިސަރުކާރުގެ ރައީސުލްޖުމްހޫރިއްޔާ އާއި ކަމާ ގުޅުން ހުރި ވަޒާރާތަކާ ތަކުރާރު ކޮށް ބައްދަލުކޮށް މިމައްސަލަ ހުށައަޅާފައިވާނޭކަމަށެވެ. އަދި ޓޫރިޒަމް ދާއިރާއިން ހދ. އަތޮޅުގެ ރަށްތައް ތަރައްގީ ކުރުމަށް ޓޫރިޒަމް މާސްޓަރ ޕްލޭނުގައި ހިމަނައި ދެއްވުމަށްވެސް ކައުންސިލުން ސަރުކާރުގެ ކަމާގުޅުން ހުރި ފަރާތްތަކަށް ހުށައަޅާފައި ވާނޭކަމަށެވެ.
“މިއަތޮޅުގެ ޓޫރިޒަމް ދާއިރާއަށް މިހާތަނަށް ދޫކޮށްފައިވާ ހޮނޑާފުއްޓާއި، ކުޑަމުރައިދޫ އަދި ނާގޯށީގެ އިތުރުން ނަޮޅިވަރަންފަރާއި، ހަނިމާދޫން ޓްރެއިން ރިސޯޓް ތަރައްގީ ކުރުމަށް ދޫކުރި ބިމުގައި އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ކުރެވެމުން ނުދާތީ ތަކުރާރު ކޮށް ކަމާގުޅުންހުރި ފަރާތްތަކަށް މިމައްސަލަ ހުށަހަޅާފައި ވަނި ކޮށްވެސް މިއަތޮޅުން ރަށެއް ނުހިމަނާ ކުރީ ސަރުކާރުން ދޫކުރަން ކަނޑައެޅި 15 ރަށް އެ އޮތްގޮތަށް ބަދަލެއް ނުގެނެސް އިއުލާން ކުރުމުން ފާއިތުވި ދެ ސަރުކާރުންނާއި، މިސަރުކާރުން ގަސްތުގައި މިއަތޮޅާއި މެދު އިހުމާލުވެފައިވާކަމަށް ހާމަވާތީ އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ” ބަޔާނުގައި ވެއެވެ.
ނިންމާލަމުން އެބަޔާނުގައި ވަނީ ހދ އަތޮޅުގައި ރިސޯޓެއް ނެތް މައްސަލަ އަކީ އަތޮޅު ކައުންސިލުންނާއި އަތޮޅުގެ ރައްޔިތުން ކަންބޮޑުވާ މައްސަލަ އެއްކަމަށާއި އަތޮޅުގައި މިހާތަނަށް ރިސޯޓް ތަރައްގީ ކުރުމަށް ދޫކޮށް، މަސައްކަތް ނުކޮށް ހުރި ރަށްރަށާއި، ބިންތަކުގައި 31 ޖުލައި 2013 ގެ ކުރިން މަސައްކަތް ފެށޭނެ ގޮތްތައް ފަހި ކޮށްދެއްވައި އަދި އަތޮޅުގައި އިތުރު ރަށްތައް ޓޫރިޒަމް ދާއިރާއަށް ކަނޑައަޅާ ދެއްވުމަށް ސަރުކާރަށް އިލްތިމާސް ކޮށްފައި ވެއެވެ.