ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ފިކުރަކީ ޕީޕީއެމްގެ ފިކުރު ކަމަށާއި އެފިކުރަކީ ރާއްޖެ ތަރައްގީ ކޮށްދެވި ރައީސް މައުމޫނުގެ ފިކުރު ކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު އަދި ރައީސް މައުމޫނުގެ ކޮއްކޯފުޅު އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް މިހެން ވިދާޅުވީ މިހާރު ހދ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ކުޅުދުއްފުށީގައި އެޕާޓީން ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
200 އެއްހާ މީހުން ބައިވެރިވި ޖަލްސާގައި ޔާމީން ވިދާޅުވީ ޕީޕީއެމްއަކީ ތަޢުލީމާއި ތަރައްގީއާއި އުފެދުންތެރި ކަމަށް ޖާގަ ދޭ ޕާޓީ ކަމަށެވެ. އަދި ތަފާތު ހިޔާލުގެ ބޭފުޅުންނަން ޖާގަދީ ޒުވާނުނަން ކުރިއަށް ދެވޭނެ މަގު ތަނަވަސް ކޮށްދޭ ހަމައެކަނި ޕާޓީއަކީ ޕީޕީއެމް ކަމަށް ޔާމީން ވިދާޅުވި އެވެ.
ރޭގެ ޖަލްސާގައި، ރައީސް ވަހީދާއެކު ކޯލީޝަން ހަދައިގެން ތިބި މީހުންނަކީ އެއްބަޔަކު އަނެއް ބަޔެއްގެ ކަރުގައި ހިފަން ތައްޔާރަށް ތިބި ބައެއް ކަމަށް ވިދާޅުވެ ރައީސް ވަހީދު ކޯލިޝަނަށް ޔާމީން ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައި ވެއެވެ. އަދި އެމްޑީޕީގެ ފިކުރަކީ ފަނާކުރާ ފިކުރު ކަމަށް ވިދާޅުވެ އެމްޑީޕީއަށް ވެސް ފާޑުވިދާޅުވެފައި ވެއެވެ. 2013 ރިޔާސީ އިންތިހާބު އެއްބުރުން ޕީޕީއެމް ކާމިޔާބު ކުރައްވާނެކަމަށް ވެސް ޔާމީނު ވިދާޅުވި އެވެ.
މިޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސެއިން މަނިކު ދެއްކެވި ވާހަކަފުޅުގައި 2013 ގެ ވޯޓު ކަރުދާސް ކޮޅުގައި ކެނެރީގެ މުހައްމަދު ނަޝީދު ނަމެއް ނޯންނާނެ ކަމަށާއި ރައީސް ނަޝީދަކީ މިރާއްޖެއަށް ހުރި ބޮޑު މުސީބާތެއް ކަމަށް ވިދާޅުވި އެވެ. ރައީސް ނަޝީދު ހިފާ ހައްޔަރުކޮށް ދިގުމުދަތަކަށް ޖަލަށް ލުމަށް ވެސް ރޭގެ ޖަލްްސާގައި ގޮވާލާފައެވެ. ނިހާނު ދެއްކެވި ވާހަކަފުޅުގައި، މިރާއްޖޭގައި ހުރި އެންމެ ލާދީނީ މީހަކީ ރައީސް ނަޝީދު ކަމަށް ވިދާޅުވެ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަައި ވެއެވެ. މީގެ އިތުރުން ނިހާނު ވިދާޅުވީ މިހާރުގެ ރައީސް ޑރ. ވަހީދުގެ ކޯލިޝަނަކީ ބަރަވެލި ކޯލިޝަނެއް ކަމަށެވެ.
ކުޅުދުއްފުށީގައި ޕީޕީއެމްގެ ޖަލްސާއެއް ނުބާއްވާތާ ދުވަސްތަކެއް ފަހުން ބޭއްވި ޖަލްސާގައި ޕީޕީއެމްއާ އަލަށް ގުޅުނު 316 މެމްބަރުންގެ ފޯމުތައް ހަވާލު ކުރުން ވެސް ކުރިއަށް ގޮސްފައި ވެއެވެ.