ޕީޕީއެމް ކުޅުދުއްފުށީ އަސުރުމާ ގޮފީގެ ޒުވާނުންގެ މެމްބަރު މުޖްތަބާ އަހުމަދު ޕީޕީއެމް ދޫކުރައްވައި ގައުމީ އިއްތިހާދާ ގުޅިއްޖެ އެވެ.
ރޭ ކުޅުދުއްފުށީ ޖީއައިޕީ އޮފީހުގައި އޮތް ކުޑަ ހަފުލާއެއްގައި މުޖްތަބާ ޖީއައިޕީއަށް ސޮއިކުރުމަށްފަހު މިނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިހާރު ގައުމު އޮތް ހާލަތުން ގިނަ ބަޔަކު ގޮވައިގެން މަސައްކަތް ކުރެވޭނެ ހަމައެކަނި ލީޑަރަކީ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ކަމަށެވެ. އަދި ގައުމީ އިއްތިހާދާއެކު ސާބިތު ކަމާއެކު ހުރެގެން ކުރިއަށް އޮތް އިންތިޚާބަށް ތައްޔާރުވުމުގެ ކަންތައްތައް ފޯރިއާއިއެކު ކުރިއަށް ގެންދާނެ ކަމަށްވެސް މުޖްތަބާ ވިދާޅުވި އެވެ.
ޕީޕީއެމްގެ ކުޅުދުއްފުށީ ގޮތްޕަކީ ސިޔާސީ ހަރަކާތް ހިންގާ ގޮތްޕެއް ނޫން ކަމަށާއި ޕީޕީއެމްގައި އިސްކޮށް ހަރަކާތް ތެރިވާ މާލޭގެ ފަރާތްތަކަށްވެސް ކުޅުދުއްފުށި ލޭބަލްވެފައިވަނީ ހަރަކާތްތައް ހިންގާ ރަށެއްގެ ގޮތުގައި ނޫން ކަމަށްވެސް މުޖްތަބާ ވިދާޅުވި އެވެ. މީގެ އިތުރުން ކުޅުދުއްފުށީގައި ޕީޕީއެމްއަކީ ސިޔާސީ ގޮތުން އެއްވެސް އުރައްޕަތެއްނެތް ބަޔަކު ހިންގަމުންއައި ޕާޓީއެއް ކަމަށް މުޖްތަބާ ވިދާޅުވި އެވެ.
“އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިހާރުވެސް އަދި އެންމެ ކުރިންވެސް ކުޅުދުއްފުށީގައި ޕީޕީއެމް ހިންގަން ތިބީ ސިޔާސީ ގޮތުން އެއްވެސް ހުރައްޕަތެއް ނެތް ބަޔަކު. ޒުވާނުންތަކެއް އޭގައި އުޅެންވެގެން މަސައްކަތް ކޮށް ޒުވާނުންތަކެއް ލީޑަރޝިޕް ނެގުމަށް މަސައްކަތް ކުރަމުން ދިޔައިރުވެސް އެފުރުސަތުވެސް ނުދިން. ޒުވާނުންނަށް އަޅާނުލެވި ދިޔަކަން ފާހަގަކުރަން.” މުޖްތަބާ ވިދާޅުވި އެވެ.
ޕީޕީއެެމްގެ ކުޅުދުއްފުށީ ގޮފީގެ އިންތިޤާލީ ރައީސް ރަޝާދު ހަސަން ގެ ރިޔާސަތުގައި ވަރަށް ގިނަ ކަންކަން ކާމިޔާބީއާ ހަމައަށް ގެންދެވި ކަމަށާއި އެހެން ނަމަވެސް އަސުރުމާގޮފި އުފެދި މިހާރުގެ ރައީސް މުހައްމަދު އަލީގެ ރިޔާސަތުގައި ޕީޕީއެމް ދުވަހެއް ދުވަހަކަށް ފަހަތަށް ޖެހެމުންދާކަން ޕީޕީއެމް ކުޅުދުއްފުށީ ގޮފީގެ އިންތިޤާލީ ނައިބު ރައީސްކަންވެސް ކުރެއްވި މުޖްތަބާ ފާހަގަކުރެއްވި އެވެ.
މުޖްތަބާ އިތުރަށް ވިދާޅުވީ ޕާޓީ ބަދަލުކުރެއްވީ ފައިސާ އަށް ނޫން ކަމަށާއި “މިލިޔަނުން އެޅިޔަސް ގަނެލެވޭވަރުގެ ވިޔަފާރި ވެރިއެއް ނުވަތަސިޔާސީ ލީޑަރެއް” މިޤައުމުގައި ނެތް ކަމަށެވެ. އަދި މީގެ ކުރިންވެސް އެމްޑީޕީއަށް ވަނުމަށް 3 ފުރުޞަތަކާއި ޑީއާރުޕީއަށް ވަނުމަށް 2 ފުރުޞަތެއް ލިބިފައިވާކަންވެސް މުޖްތަބާ ފާހަގަ ކުރެއްވިއެވެ. އެހެން ނަމަވެސް އެމްޑީޕީއަށް ނުގުޅުނީ އެމްޑީޕީއަކީ ޓެރެރިސްޓް ޖަމާއަތެއް ކަމަށް ޤަބޫލުކުރާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޭ އޮތް ސޮއި ކުރުމުގެ ހަފުލާގައި މުޖްތަބާއާއި އެކު އިތުރު ބަޔަކު ގައުމީ އިއްތިހާދަށް ސޮއިކޮށްފައިވާއިރު ޕީޕީއެމްގެ އިސް ސަފުން ފެންނަ ކުޅުދުއްފުށީ ވަގުތު ޖައުފަރު އަލީވެސް ވަނީ މިހަފްލާގައި ބައިވެރިވެފައެވެ.