ޕީޕީއެމްގެ ކުޅުދުއްފުށީ އަސުރުމާ ގޮފީގެ ޒުވާނުންގެ މެމްބަރު މުޖުތަބާ އެޕާޓީން ވަކިވެގެން ދިޔައީ ޕީޕީއެމްއަށް ކަންތައްތަކެއް ނުކުރެވިގެން ނޫން ކަމަށާއި އަދި ޒުވާނުންނަން ޕާޓީގައި ފުރުޞަތު ނެތީމާ ނޫން ކަމަށް އަސުރުމާ ގޮފީގެ އިސް މަސްއޫލުވެރިއަކު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އަސުރުމާގޮފީގެ އިސް މެމްބަރެއް ކަމަށްވާ އިބްރާހީމް އަހުމަދު ވިދާޅުވީ ޕީޕީއެމްއިން ވަކިވެގެން ރައީސް ވަހީދުގެ ގައުމީ އިއްތިހާދު ޕާޓީއާ މިިދިޔަ ހަފުތާގެ ތެރޭގައި ގުޅުނު މުޖްތަބާ އެ ޕާޓީން ވަކިވީ ޕާޓީގެ އަސާސްތަކާއި ހިލާފަށް ކަންތައްތަކެއް ކުރަން އުޅުމުން ޕާޓީގެ އިސް ފަރާތަކުން އެކަންތައްތައް ހުއްޓުވުމުން ކަމަށެވެ.
މުޖްތަބާ ގައުމީ އިއްތިހާދަށް ސޮއިކުރެއްވުމަށްފަހު މި ނޫހަށް ދެއްވި އިންޓަވިޔުއެއްގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ ކުޅުދުއްފުށީ ގޮތްޕަކީ ސިޔާސީ ހަރަކާތް ހިންގާ ގޮތްޕެއް ނޫން ކަމަށާއި ޕީޕީއެމްގައި އިސްކޮށް ހަރަކާތް ތެރިވާ މާލޭގެ ފަރާތްތަކަށްވެސް ކުޅުދުއްފުށި ލޭބަލްވެފައިވަނީ ހަރަކާތްތައް ހިންގާ ރަށެއްގެ ގޮތުގައި ނޫން ކަމަށެވެ. އަދި ކުޅުދުއްފުށީގައި ޕީޕީއެމްއަކީ ސިޔާސީ ގޮތުން އެއްވެސް އުރައްޕަތެއްނެތް ބަޔަކު ހިންގަމުންއައި ޕާޓީއެއް ކަމަށް މުޖްތަބާ ވިދާޅުވި އެވެ.
އިބުރާހިމް އަހުމަދު ވިދާޅުވީ އުމަރު ނަސީރު ޕީޕީއެމްގައި ހުންނެވިއިރު އެމަނިކުފާނާއެކު ކުމުންދޫ އަށް ދިޔަދަތުރެއްގައި ލާންޗަށް ދޭންޖެހޭ ފައިސާ މުޖްތަބާ ނުދީ ހިފަހައްޓާފައިވާ ކަމަށެވެ. އަދި އެފައިސާ މުޖުތަބާގެ އަތުން ހޯދުމަށް ޕާޓީގެ ފަރާތުން ބޮޑު ތަހުގީގެއް ކުރައްޖެހުނު ކަމަށް ވެސް އިބުރާހިމް ވިދާޅުވި އެވެ.
އިބުރާހީމް އިތުރަށް ވިދާޅުވީ ޒުވާނުންގެ ޖަގަހައެއް ހެދުމަށް ރިޔާސީ ކެނޑިޑޭޓްގެ އެހީއާއެކު ޓޫރިޒަމް މިނިސްޓަރ އަދީބު އަތުން 5000 ރުފިޔާ ގެނެސް ގޮފީގެ ޔައުމިއްޔާގައި ނުހިމަނާ ޕާޓީގެ އަސާސްތަކާއި ހިލާފަށް މުޖްތަބާ ކަންތައްތައް ކޮށްފައިވާ ކަމަށެވެ.
މިކަމާބެހޭ ގޮތުން ޕީޕީއެމް ދޫކުރައްވާ ދާދިފަހުން ގައުމީ އިއްތިހާދަށް ސޮއިކުރެއްވި މުޖުތަބާ ވިދާޅުވީ ފައިސާގެ ހުރިހާ މުއާމަލާތެއްގެ ބިލްތައް ހަޒާންދާރާ ހަވާލުކޮށްފައިވާނެ ކަމަށެވެ. އަދި އަސުރުމާގޮފީގެ މެމްބަރު ކުރެއްވި ހުރިހާ ތުހުމަތުތަކެއް މުޖްތަބާ ވަނީ ދޮގުކުރައްވާފައި އެވެ.
ކުޅުދުއްފުށީ ޕީޕީއެމްގެ އިސް މެމްބަރުންތަކެއް އެޕާޓީ ދޫކޮށް ގައުމީ އިއްތިހާދު ޕާޓީއާ އަންނަނީ ގުޅެމުންނެވެ. އޭގެ އިތުރުންވެސް ރަށުގެ ބައެއް ޒުވާނުން ރޭ ވެސް އެޕާޓީއަށް ސޮއިކުރައްވާފައިވެ އެވެ. އަދި ޕީޕީއެމްގެ ރިޔާސީ ގޮފީގެ ރެޖިސްޓްރާރ ވެސް ވަނީ ގައުމީ އިއްތިހާދާ ގުޅިވަޑައިގެންފައި އެވެ.