ޖަޕާން ދަތުރުގައި ބައިވެރިވާ ޖަލާލުއްދީން ސްކޫލުގެ ދެ ދަރިވަރުން ފުރައިފި އެވެ.
މި ދަތުރުގައި ބައިވެރިވާ ޖަލާލުއްދީން ސްކޫލުގެ ދެދަރިވަރުންނަކީ ހދ ކުޅުދުއްފުށީ ތިތިލި މުހައްމަދު ހުސައިން އާއި ހދ ކުޅުދުއްފުށީ ހިކިފިނިފެންމާގެ ސީމާ ހަސަން އެވެ.
ސާރކް ގައުމުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ޖަޕާނު ސަރުކާރުގެ ފަރާތުން ޚަރަދުކޮށްގެން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިގޮތުން މިހަފުތާގެ ޕްރޮގްރާމް ހައި ސްކޫލް ކުދިންނަށް ޚާއްސަ ވެފައިވާއިރު ޖަލާލުއްދީން ސްކޫލުން މިފުރުސަތު ލިބިފައިވަނީ މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނު ނިންމި ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ އެސްކޫލުގައި އޭލެވެލް ފުރިހަމަ ކުރާ އަންހެން އަދި ފިރިހެން ދަރިވަރަށެވެ.
މިމަހުގެ 3 އިން 8 ގެ ނިޔަލަށް މި ދަރިވަރުން ޖަޕާނުގައި ހޭދަކުރާ މި ދަތުރުގައި އެކިއެކި ޘަގާފަތްތަކާއި ބެހޭ މައުލޫމާތު ހޯދާ މިއުޒިއަމަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހައި ޓެކް ތަންތަނަށާއި ޓުއަރިސްޓް ސްޕޯޓްސް ތަންތަނަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިފަދަ ފުރުސަތެއް ލިބޭނެ ކަމަށް ކުރިން އުއްމީދެއްވެސް ކުރެވިފައި ނުވާ ކަމަށާއި މި ދަތުރު ލިބުމުން ވަރަށް އުފާވާ ކަމަށް ދެ ބައިވެރިން ބުންޏެވެ. އަދި ގައުމުތަކުގެ ޘަގާފަތާއި އާދަކާދަ ފަދަ ގިނަ ކަންތައްތަކެއް އުނގެނުން ފަދަ ކަންތައްތައް މިދަތުރުގައި ހާސިލްކުރަން ބޭނުންވާ ކަމަށް އެދަރިވަރުން ވަނީ ބުނެފައި އެވެ.
މި ދަތުރުގައި ރާއްޖޭގެ 23 ދަރިވަރަކާއި 2 ސްޕަވައިޒަރެއް ބައިވެރިވާނެއެވެ. މި ދަރިވަރުންނާއި މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓަރު އާސިމް އަހުމަދުވެސް ވަނީ ބައްދަލު ކުރައްވާފައެވެ.
ޖަލާލުއްދީން ސްކޫލުގެ ދެ ދަރިވަރުން މިދިޔަ އަހަރުގެ ދަތުރުގައިވެސް ވަނީ ބައިވެރިވެފައެވެ.