ހދ ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ދެމުން އަންނަ ބައެއް ހިދުމަތްތަކަށް އާސަންދަ މެދުވެރިކޮށް ހިދުމަތް ދިނުން ހުއްޓާލަން އުޅޭ ކަމަށް ދެކެވެމުންދާ ވާހަކަތައް އެހޮސްޕިޓަލުން ދޮގު ކޮށްފި އެވެ.
އެހޮސްޕިޓަލުގެ މެނޭޖަރ އިބުރާހިމް ވަހީދު ވިދާޅުވީ ހޮސްޕިޓަލުން އާސަންދަ މެދުވެރިކޮށް ދެމުން އަންނަ އެއްވެސް ހިދުމަތެއް ހުއްޓާލަން އުޅޭކަމެއް އެގިފައި ނުވާކަމަށާއި އެފަދަ އެންގުމެއް ހެލްތް މިނިސްޓްރީން މިހާތަނަށް އަންގާފައި ނުވާކަމަށެވެ.
ވަހީދު ވިދާޅުވީ އާސަންދައަކީ ބަޖެޓްގައި ހިމެނިގެން ހިންގާ ކަމެއްކަމަށާއި އެކަން އެއްވެސް ފަރާތަކުން ހުއްޓުވާފާނޭ ކަމަށް ގަބޫލު ނުކުރެވޭކަމަށެވެ. އަދި އެފަދަ އެންގުމެއް އަންގާނީވެސް ސަރުކާރާއި ރައްޔިތުންގެ މަޖިލީހުން އެކަމާމެދު ވާހަކަ ދެކެވިގެން ވަރަށް ހާމަ ކޮށް ކަމަށް ވެސް ވަހީދު ފާހަގަ ކުރެއްވި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އާސަންދަ މެދުވެރި ކޮށް ދެމުން އަންނަ ގިނަ ހިދުމަތްތަކެއް މެދުކަނޑާލަން އުޅޭ ވާހަކަ ތަކެއް ފަހަކަށް އައިސް ވަނީ ރަށު ތެރޭގައި އާއްމު ވެފައެވެ.