twitterviber whatsapp telegramfacebookyoutube instagram
22nd May 2024

އަމީރު އަމީން ސްކޫލް – ތައުލީމީ ހިދުމަތުގައި 60 އަހަރު

Jun 4, 2013

ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީގެ ވެރިކަމުގައި، ރާއްޖޭގައި ތައުލީމު ފުޅާކުރުމުގެ ގޮތުން އަތޮޅު ތެރޭގައި އެންމެ ފުރަތަމަ ހުޅުވި 3 ސްކޫލުގެ ތެރެއިން 2 ވަނައަށް ހުޅުވުނު ސްކޫލަކީ ހދ ކުޅުދުއްފުށީގައި ހުންނަ އަމީރު އަމީން ސްކޫލެވެ. އޭރުގެ ނަމުންނަމަ މަދަރުސަތުލް އަމީރު އަމީނެވެ.

ސްކޫލުގައި ރައްކާ ކުރެވިފައިވާ އެންމެ ދުރު ލިޔުންތަކަށް ބަލާއިރު މީގެ 60 އަހަރު ކުރީން ހުޅުވުނު މިސްކޫލުގެ ތައުލީމީ ހަޔާތް ފެށުނީ ސެޓްފިކެޓް ލިބިފައިވާ 2 ޓީޗަރުންނާއި 2 ވަގުތީ ޓީޗަރަކާއި އެއްވެސް ތަމްރީނެއް ލިބިފައި ނުވާ 1 ޓީޗަރަކާއެކު ޖުމްލަ 389 ދަރިވަރުންނާއި އެކުގައެވެ. އެއީ 196 ފިރިހެން ދަރިވަރުންނާއި 193 ދަރިވަރުންނެވެ.

ސަރުކާރުން މިސްކޫލުގައި ކިޔަވައިދިނުމަށްޓަކައި އުތުރުގެ އެކި ސަރަހައްދުތަކުން ކުދިން ގެނެސް ތައުލީމު ފޯރު ކޮށްދީފައި ވެއެވެ. ރައީސް މުހައްމަދު އަމީނުގެ ވެރިކަމުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި އަންހެނުންނަށް ތައުލީމު ހާސިލު ކުރެވޭނެ މަގުތަނަވަސް ކޮށްދެއްވި އެވެ. އެގޮތުން މި ސްކޫލު ހުޅުވިގެން އައިރު ފިރިހެން ކުދިންނެކޭ އެއްވަރަކަށް އަންހެން ކުދިންނަން ވެސް ވަނީ ތަޢުލީމު ހޯދުމުގެ ފުރުޞަތު އަމީނުގެ ވެރިކަމުގައި ހޯއްދަވައި ދެއްވި އެވެ. އަދި އަންހެނުނަން ވަޒީފާގެ ފުރުޞަތު ފުރަތަމަ ފަހަރަށް ހުޅުވާލައި މިސްކޫލުގެ 5 މުއައްޒަފުންގެ ތެރެއިން 1 މުދައްރިސްގެ ވަޒީފާ އެއްވެސް ތަމްރީނެއް ލިބިފައި ނުވާ އަންހެން ބޭފުޅަކަށް ދެއްވި އެވެ.

އަމީރު އަމީން ސްކޫލަށް 60 އަހަރު ފުރޭ މިދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ހެނދުނު ވަނީ ހާއްސަ އެސެމްބްލީއެއް ބާއްވާފައެވެ. މި އެސެމްބްލީ ޝަރަފުވެރި ކޮށްދެވީ އެސްކޫލް ކުރިން ހިންގުމާއި ހަވާލުވެ ހުރި އަދި މިހާރުގެ އެސްޓީއޯގެ ނޯދަން ޑިސްޓްރިބިއުޝަން ސެންޓަރުގެ މެނޭޖަރ އިބުރާހިމް ރަޝީދެވެ. މިރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާން ވަނީ ދަރިވަރުންނަން ނަސޭހަތްތެރިވުމުގެ ގޮތުން ވާހަކަ ދައްކަވާފައި ވެއެވެ. އަދި ދުވަހާ ގުޅޭ ކޭކު ފަޅުއްވައި ދެއްވީ ޝަރަފުވެރި މެހެމާނުއެވެ.

60 އަހަރުވުމުގެ މުނާސަބަތުގައި ބޭއްވި މިރަސްމިއްޔާތުގައި ކައުންސިލް މެމްބަރުނާއި ސްކޫލު ބޯޑު މެމްބަރުން ބައިވެރިވެލެއްވި އެވެ. އަދި އަހަރީ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ހާއްސަ ކުޅިވަރުތަކެއް ސްޓޭޑިއަމް ގައި ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފަވާ ކަމަށް ސްކޫލުން މައުލޫމާތު ދެއެވެ.

މިހާރު ޕްރީ ސްކޫލެއްގެ ގޮތުގައި ހިނގަމުން އަންނަ މިސްކޫލުގައި ޖުމްލަ 30 މުއައްޒަފުން މަސައްކަތް ކުރެއެވެ. އަދި 491 ދަރިވަރަކު ތައުލީމް ހާސިލު ކުރަމުންދެއެވެ.

މިސްކޫލުގެ ބާނީ އަލްމަރުހޫމް މުހައްމަދު އަމީނު ދޮށިމޭނާކިލެގެ އަވަހާރަކޮށްލީ ރައީސް ކަމުގައި ހުންނަވަނިކޮށް ހިނގި ހަމަނުޖެހުންތަކެއްގައި 1953 ވަނަ އަހަރުގައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355