twitterviber whatsapp telegramfacebookyoutube instagram
22nd May 2024

ކުޅުދުއްފުށީގައި މިއަދު ހިނގި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ ކުއްޖާ އިތުރުފަރުވާއަށް މާލެ ފޮނުވަނީ

Jun 5, 2013

ކުޅުދުއްފުށީގައި މިއަދު ހިނގި އެކްސިޑެންޓުގައި އަނިޔާވި 16 އަހަރުގެ އަހުމަދު އާލިން މުހައްމަދަށް އިތުރު ފަރުވާދިނުމަށްޓަކައި މާލެ ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެކުއްޖާގެ އާއިލާ އިން ބުނެފި އެވެ.

މިނޫހަށް މައުލޫމާތު ދެމުން އާލިންގެ ބައްޕަ ބުނީ އޭނާ އަށް އިތުރު ފަރުވާ ދިނުމަށްޓަކައި މާދަމާ ހެނދުނު މާލެ ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މާލެ ގެންދިއުން ލަސްވީ ފުލައިޓުން ޖާގަ ނުލިބިގެން ކަމަށެވެ. ޖާގަ ލިބިފައިވަނީ މާދަމާގެ ހެނދުނުގެ ފުލައިޓުންނެވެ.

އާލިންގެ ބައްޕަ އިތުރަށް ބުނީ މާލެގެންދަނީ ބޮލަށް ލިބިފައިހުރި ގެއްލުން ދެނެގަތުމަށެވެ. މިއަދު މެންދުރު ހިނގި މިއެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާ ލިބިފައިވަނީ އާލިން އަށެވެ. އޭނާގެ ކޮނޑު ކަށިގަނޑު ބިނދިފައިވާއިރު ބޮލަށް ވެސް ގެއްލުން ލިބިފައިވާ ކަމަށް އޭނާ ބެލި ޑޮކްޓަރުންނާ ހަވާލާދީ އާއިލާ އިން ބުނެއެވެ.

މިއެކްސިޑެންޓުގައި އަނިޔާވި މުހައްމަދު އަބުދުއްރައްޒާގުގެ ކަނާތު ފައި ކަށީމަތީގައި ރެނދު ލާފައިވާއިރު އޭނާގެ ފައިގެ ފުންނާބު އެއްކޮށްހެން ވަނީ ނެއްޓިފައެވެ. ނަމަވެސް މިހާރު އޭނާގެ ފައިގެ ފުންނާބު ވަނީ ފަހާފައެވެ.

މިކަމާއި ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފައެވެ.

މި އެކްސިޑެންޓު ހިނގީ ކުޅުދުއްފުށީ ހިޔާވަހިގެ ކައިރިން އެގޭ ހުޅަނގަށް އޮންނަ މަގުގައި އެވެ. ދެ ސައިކަލް ޖެހި ހިނގި މިއެކްސިޑެންޓުގައި ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލު ދުއްވަން އިނީ 18 އަހަރު ނުވާ ކުއްޖެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355