ކުޅުދުއްފުށީ އެރޯމާގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
މިއަދު މެންދުރުފަހު ހިނގި މިހާދިސާގައި އަލިފާން ރޯވެފައި ވަނީ އެގޭ ގޯތި ތެރޭގައި ހުރި ދަރުގެއެއްގައެވެ. އަލިފާން ރޯވުމާއެކު އެމްއެންޑީއެފްގެ ނޮދަން އޭރިޔާ ފަޔަރ ސްޓޭޝަނަށް ވަނީ އަންގާފައެވެ. އަދި އަލިފާން ނިއްވާ ޓީމުންވަނީ އާއްމުންގެ އެހީތެރިކަމާއެކު ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލުކޮށް ނިއްވާލާފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
ކުޅުދުއްފުށީ އޮންލައިން އަށް މައުލޫމާތު ދެމުން އެރޯމާގޭގެ މީހަކު ބުނީ ރޯވި ދަރުގެއަކީ ދަރު ރައްކާކުރާ ގުދަނެއް ކަމުގައި ވިޔަސް ބައެއްފަހަރު އެތަނުގައި ބައެއް ތަކެތި ކައްކާ ހަދައެވެ. މިގޮތުން މިއަދު މެންދުރުކުރިން ދިހައެއް ޖަހާއެހާކަންހާއިރު އެތަނުގައި ކެއްކިއެވެ. ނަމަވެސް އެތަނުގައި އަލިފާން ރޯވިކަން އެނގުނީ މެނދުރުފަހު ދެއެއް ޖެހިއިރު ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނީ މިހާދިސާގެ ސަބަބުން ބޭނުން ނުކުރެވޭވަރަށް އެތަން އަނދާ ހުލިވެފައި ވާކަމަށެވެ.
މި ހާދިސާގެ ސަބަބުން އެގެއާ އިންވެގެން ހުރި ކުޅުދުއްފުށި މާލެތިލަގޭގެ ފާރުގައި ރެނދުލައިފައިވާ ކަމަށް އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސަވިސް އިން މައުލޫމާތު ދެއެވެ.