twitterviber whatsapp telegramfacebookyoutube instagram
22nd May 2024

އަދާލަތު ޕާޓީ ކޯލިޝަނުން ވަކިވާން އުޅޭކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް: އައްބާސް އާދިލް ރިޒާ

Jun 9, 2013

އަދާލަތު ޕާޓީ ކޯލިޝަނުން ވަކިވާން އުޅޭކަމަށް ބުނެ ދައްކަމުންދާ ވާހަކައަކީ ކަނޑައެޅިގެން ދޮގުވާހަކައެއް ކަމަށް ގައުމީ އިއްތިހާދުގެ ސްޕޯކްސް ޕާސަން އައްބާސް އާދިލް ރިޒާ ވިދާޅުވެއްޖެ އެވެ.

މިނޫހަށް މައުލޫމާތު ދެއްވަމުން އައްބާސް ވިދާޅުވީ ރައީސް ވަހީދުގެ ކޯލިޝަންގެ ތެރޭގައި އެއްވެސް ފިތުނައެއް ނޫޅޭ ކަމަށާއި ސިޔާސީ ބައެއް ފަރާތްތަކުން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. މިގޮތުން އަދާލަތު ޕާޓީއާއި ޑރ. ހަސަން ސައީދު ކޯލިޝަނާ ވަކިވާން އުޅޭކަމުގެ އަޑުތައް މިހާރު ފަތުރަމުންދާ ކަމަށާއި އެހެން ނަމަވެސް އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫން ކަމަށެވެ.

ކޯލީޝަނުން ފަހުން ބޭއްވި ބައްދަލުވުންތަކުގައި އަދާލަތު ޕާޓީގެ ބޭފުޅުންނަށް ބައިވެރިވެވަޑައި ނުގެންނެވުނީ ރަށުގައި ވަޑައިގެންނޫޅުއްވާތީ ކަމަށް އައްބާސް ވިދާޅުވި އެވެ. އެހެންނަމަވެސް މިމަހުގެ 11 ވަނަ ދުވަހު ކުޅުދުއްފުށީގައި ބާއްވާ ޖަލްސާގައި ރައީސް ވަހީދުގެ އިތުރުން ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީއެއްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ޑީއާރޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީއާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ގައުމީ ޕާޓީގެ ލީޑަރު ހަސަން ސައީދުވެސް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އައްބާސް މިވާހަކަތައް ދޮގުކޮށްފައިވާއިރު އަދާލަތު ޕާޓީގެ އުތުރުގެ ކޯޑިނޭޓަރު މުހައްމަދު މޫސާވެސް ވަނީ އަދާލަތު ޕާޓީ ކޯލިޝަނުން ވަކިވާން އުޅޭކަމަށް ދެކެވޭ ވާހަކަތައް ދޮގޮކޮށްފައެވެ. މިގޮތުން ކުޅުދުއްފުށީގައި ބާއްވާ ކޯލިޝަންގެ ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނާއި ޝެއިހް ޝަހީމް ބައިވެރިވެލައްވާނެކަމުގެ ޔަގީންކަން މިނޫހަށް ވަނީ ދީފައެވެ. މިކަމާބެހޭ ގޮތުން އަދާލަތު ޕާޓީގެ ރަސްމީ ބަހެއް ވަނީ ލިބޭގޮތް ނުވެފައި އެވެ.

އައްބާސް އިތުރަށް ވިދާޅުވީ ރައީސް ވަހީދުގެ ކޯލިޝަނަކީ އިލެކްޝަންގެ ޕާޓީތަކުގެ ދަފްތަރަށް ބަލާލި ކަމުގައި ވީނަމަވެސް އެންމެ މެމްބަރުން ގިނަ ޕާޓީތައް ހިމެނޭ ކޯލިޝަން ކަމަށާއި 2013 ވަނަ އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމާއި މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355