ދުނިޔޭގެ ތިމާވެށި ދުވަހާ ގުޅުވައިގެން މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އާއި އައިލެންޑް ބެވްރޭޖަސް މޯލްޑިވްސް (އައިބީއެމް) ގުޅިގެން ތާޒާ ޕެޓްފުޅި ރީސައިކަލް ކުރުމުގެ ޕްރޮގްރާމެއް އިފްތިތާހްކޮށްފި އެވެ.
“ފެހި މާދަމާ އަކަށް ފަރުދީ ޒިންމާ”ގެ ނަމުގައި އިފްތިތާހު ކުރި މި ޕްރޮގްރާމް އިފްތިތާހްކޮށްދެއްވީ ފެން ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަންމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް މަތީން މުހައްމަދު އެވެ.
މި ޕްރޮގްރާމަކީ ޕެޓްގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ ނުރަނގަޅު އަސަރުތަކުން ސަލާމަތްކޮށްދީ ތިމާވެށި ހިމާޔަތް ކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން ޚާއްސަ ގޮތެއްގައި ގޭ ބިސީތަކަށް އަމާޒު ކޮށްގެން ފެށި ޕްރޮގްރާމެކެވެ. މިގޮތުން މި ޕްރޮގްރާމްގެ ދަށުން ގޭގެއަށް ފޮނުވޭ ތާޒާ ފުޅިތައް ބޭނުން ކުރެއްވުމަށް ފަހު ހުސްވެފައިވާ ފުޅިތައް ޖެހިގެން އަންނަ ޑެލިވަރީ އެއްގައި އެ ގެއަކުން ނެގުމުގެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށާއި ހުސްފުޅިތައް ގޭގެ އިން އަނބުރާ ގެނައުމަށް ފަހު ފުޅިތައް ޝްރެޑް (ކުނޑި) ކުރެވޭނެ ކަމަށް އެމްޑަބްލިޔު އެސްސީ އިން ހާމަކުރައްވައެވެ.
އެމްޑަބްލިޔުއެސްސީގެ ބިޒްނަސް ޑިވެލޮޕްމެންޓް މެނޭޖަރު ހަސަން ސައީދު މީޑިޔާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގޭގެއިން ފޮނުވާ ހުސްފުޅިތަކަށް މިވަގުތު ފައިސާ ދޭ ގޮތަށް ހަމަޖެހިފައި ނެތް ނަމަވެސް ކުރިއަށް އޮތް ތަނުގައި އެފަދަ ފަރާތްތަކަށް އުޖޫރައެއް ދޭން އެ ކުންފުނިން ވިސްނަމުންދާ ކަމަށެވެ. އަދި ޝްރެޑް މެޝިންގައި ޝްރެޑް ކުރާ ބައި ރާއްޖެ އިން ބޭރަށް އަލުން ރީސައިކަލް ކުރުމަށް ޓަކައި އެކްސްޕޯޓު ކުރާން ނިންމާފައިވާކަންވެސް ސައީދު ފާހަގަ ކުރެއްވިއެވެ.
އައިބީއެމްއިން ރީ ސައިކަލް ކުރުމުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ 2005 ވަނަ އަހަރު އެވެ.