twitterviber whatsapp telegramfacebookyoutube instagram
21st May 2024

ކުޅުދުއްފުށީ އަމީނީ މަގުގައި އެޅުމަށް 200 ޓަނުގެ ތާރު މިއަދު ގެނެސްފި

Jun 11, 2013

ކުޅުދުއްފުށީ އަމީނީ މަގުގައި އެޅުމަށް 200 ޓަނުގެ ތާރު މިއަދު ގެނެސްފިއެވެ.

މޯލްޑިވްސް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ނަޒީމް ކުޅުދުއްފުށީގައި ހުންނަވައިގެން، ކުޅުދުއްފުށީ އޮންލައިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަމީނީ މަގުގައި އެޅުމަށް 200 ޓަނުގެ ތާރު ގެނެސްފައިވާ ކަމަށާއި ހިލައާއި ހިލަވެލި މިއަދުގެ ވަގުތެއްގައި ގެނެވޭނެ ކަމަށެވެ. މީގެ އިތުރުން ނަޒީމް ވިދާޅުވީ 200 ޓަނުގެ ތާރުން 280 މީޓަރުގައި ތާރު އެޅޭނެ ކަމަށާއި މަގު ގްރޭޑް ކުރުމާއި ތާރު އެޅުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

އަމީނީ މަގުގައި ތާރު އެޅުމަށް ބޭނުންވާ ލޯޑަރާއި އެހެނިހެން މެޝިނަރީސް ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އަންނާނެ ކަމަށާއި މަސައްކަތް ހަވާލުކޮށްފައިވާ ލަންކާގެ އެކްސްޕާޓުން ވަރަށް އަވަހަށް ކުޅުދުއްފުއްޓަށް އައިސް ނިމޭނެކަމަށް ނަޒީމް ވިދާޅުވިއެވެ. އެހެން ކަމުން ކުރިއަށް އޮތް 20 ދުވަހުގެ ތެރޭގައި މަގުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަން ނަޒީމް ފާހަގަ ކުރެއްވިއެވެ.

“މިހާރު މަގުގަ ތާރު އަޅަން ބޭނުންވާނެ ލޯޑަރާ އެހެން މެޝިނަރީސް ތައް އަންނާނެ 10 ވަރަކަށް ދުވަސް ތެރޭގަ. ދެން މަސައްކަތް ހަވާލުކޮށްފައިވާ ލަންކާގެ އެކްސްޕާޓުންގެ ބައެއް މީހުން އެބަތިބި. މިބަލަނީ ވިއްސަކަށް ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭވަރުވާނެ ކަމަށް.” ނަޒީމް ވިދާޅުވި އެވެ.

ނަޒީމް އިތުރަށް ވިދާޅުވީ ކުރިންވެސް ހިލައާއި ހިލަވެލި ގެނައުމަށް ޝެޑިއުލް ކުރެވި، ވިއްސާރައިގެ ސަބަބުން ކެންސަލް ކުރެވިފައިވާ ކަމަށާއި އެތްލެޓިކްސް މީޓު ކުރިއަށްދާތީ މަގުގެ މަސައްކަތް ކޮންމެވެސް ވަރަކަށް މަޑުޖައްސާލާފައިވާ ކަމަށެވެ.

ކުޅުދުއްފުށީ އަމީނީމަގު ރަނގަޅު ފެންވަރަކަށް ހެދުމުގެ މަޝްރޫއަކީ 2011 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. މިމަޝްރޫޢުގައި އެމްއާރުޑީސީއާ ހަވާލުކޮށްފައިވަނީ ހަމައެކަނި އަމީނީމަގުގެ މަސައްކަތް ކަމަށް އެކުންފުނިން މީގެ ކުރިންބުނެފައި ވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355