ކުޅުދުއްފުށީގައި ލޮލުގެ ފަރުވާ ހިލޭ ދޭ ކޭމްޕެއް އިއްޔެ ފަށައިފި އެވެ.
މި އައިކޭމްޕް އިންތިޒާމް ކުރުމުގައި އިސްކޮށް އުޅުއްވާ ފަރާތަކުން މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ސްރީލަންކާގެ ޔޫރޯ އޮޕްޓިކްސްގެ ފަރާތުން ކުޅުދުއްފުށީގައި ހިންގާ ކޭމްޕެއް ކަމަށެވެ.
އިއްޔެ އިން ފެށިގެން މިމަހުގެ 15 ގެ ނިޔަލަށް ބާއްވާ މި ކޭމްޕުގައި ކުރިއަށްދަނީ ލޯ ބަލައިދިނުމާއި ނަމްބަރު ނަގައިދިނުން ކަމަށާއި ބަލިމީހުން ބައްލަވާނީ ލަންކާގައި އަމިއްލަ ދެ ކްލިނިކެއްގައި މަސައްކަތް ކުރައްވާ ޑރ ޔޫސުފް ކަމަށްވެސް އެބޭފުޅާ ވިދާޅުވި އެވެ.
“އަޅުގަނޑުމެން މި ކޭމްޕް ކުރިއަށް މިގެންދަނީ ހަމަ މުޅިން ހިލޭ. ލޯ ބެލުމާއި ނަމްބަރު ދިނުން މި ކުރިއަށްދަނީ. އެއްވެސް ކަހަލަ ބޭހެއް ނުދޭނަން. އެހެން ނަމަވެސް ލޮލަށް ދިމާވެފަހުރި މައްސަލަ ބުނެލަދޭނަން.” އޭނާ ވިދާޅުވި އެވެ.
ނަމްބަރު އައިނު ހެދުމާއި ތަފާތު ބްރޭންޑުތަކުގެ އޮރިޖިނަލް އަވި އައިނު އަދި ކޮންޓެކްޓް ލެންސް ވަރަށް ހެޔޮ އަގުގައި މި ކޭމްޕުން ލިބޭނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 18:00 އަށް ކުޅުދުއްފުށީ “ގަހަނާ” ގޭގައި ކުރިއަށްދާ މި އައިކޭމްޕަށް އެދެވޭ ތަރުހީބެއް ލިބެމުންދާ ކަމަށާއި ކޭމްޕުގައި ނަންނޯޓު ކުރެއްވުމަށް 7691653 އާއި ގުޅުއްވުމަށް މިކަން އިންތިޒާމުކުރާ ފަރާތުން އެދިލައްވައެވެ.
މީގެ ކުރިން ޔޫރޯ އޮޕްޓިކްސް އިން މާލެއާއި އައްޑޫގައިވެސް މިފަދަ ކޭމްޕެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ ރާއްޖޭގައި އެ އޮޕްޓިކްސްގެ ފަރާތުން ބާއްވާ 3 ވަނަ ކޭމްޕެވެ.