އިޒްރާއިލްގެ ސިފައިންގެ ބަޑިތަކާއި ދަގަޑު ޓޭންކަރުތައް ހުރަސްކޮށް ގުދުސް އަށް ވަޑައިގަތީ އިސްލާމީ ގައުމެއްގެ ވެރިޔަކަށް ވާތީ ކަމަށް ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެ އެވެ.
ފުޅާ ކޯލިޝަނުން ހދ ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވަހީދު ވިދާޅުވީ އިޒްރާއިލްގެ ސިފައިންގެ ބަޑިތަކާއި ދަގަޑު ޓޭންކަރުތައް ހުރަސްކޮށް އިބްރާހިމްގެފާނުގެ މިސްކިތުގައި ނަމާދު ކުރެއްވީ އެމަނިކުފާނަކީ އިސްލާމީ ދައުލަތެއްގެ ވެރިޔަކު މިއަދު ދައްކަވަން ޖެހޭ މިސާލަކަށް ވާތީ ކަމަށާއި ފަލަސްތީނު ފަދަ އިސްލާމީ ގައުމެއްގެ ދިފާޢުގައި ވަކާލާތު ކުރުމަކީ އެމަނިކުފާނުގެ ވާޖިބެއް ކަމަށެވެ. އަދި އެކަންތައް ހަމަ އެކަނި ވަކާލާތު ކުރުމުން ނުނިމޭނެ ކަމަށާއި އެކަންތައް އަމަލުން ދައްކަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ކުރިއަށް ދިވެހި ގައުމު” މި ޝިއާރުގެ ދަށު ރޭ ކުޅުދުއްފުށީގައި ބޭއްވި ޖަލްސާ ގައި ރައީސް ވަހީދު ވިދާޅުވީ 1967 ގެ ކުރިން، ފަލަސްތީނުގެ ބިންތައް ހިފުމުގެ ކުރީން އެއޮތްގޮތަށް މިނިވަންކަން ލިބެންޖެހޭނެ ކަމަށާއި ފަލަސްތީނުގެ ވެރިރަށެއް ކަމުގައި ވާންޖެހޭނީ އިރުމަތީ ގުދުސްކަމަށްށެވެ.
290 އެއްހާ މީހުން ބައިވެރިވި މިޖަލްސާގައި ރައީސް ވަހީދު ވިދާޅުވީ އިޒްރޭލުން ފަލަސްތީނުގެ ބިންތައް އަޅުވެތި ކުރި ފަހުން އިސްލާމީ އެއްވެސް ގައުމެއްގެ ރައީސަކު ފަލަސްތީނަށް ވަޑައިގެންފާ ނުވާ ކަމަށެވެ. އަދި މަސްޖިދުލް އަގްޞާ އަކީ މުސްލިމުން ގެ މުގައްދަސް ތަނެއް ކަން ދުނިޔެ ގަބޫލު ކުރާނީ އިސްލާމީ ގައުމުތަކުގެ އިސްވެރިން އެމުގައްދަސް ބިމަށް ޒިޔާރަތް ކުރުމުން ކަމަށް ރައީސް ވަހީދު ފާހަގަ ކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ ކުޅުދުއްފުށީގެ އަމީނީމަގުގެ ތާރު އެޅުމުގެ މަސައްކަތް ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ނިންމާލުމަކީ އެމަނިކުފާނުގެ އުއްމީދެއް ކަމަށާއި ކުޅުދުއްފުށީ އަމީނިމަގުގެ މަސައްކަތް ކުރުމަށް ކެރިގެން ނިކުމެ ހުންނެވި ކަމަށެވެ.
ރޭ ކުޅުދުއްފުށީ އަފީފުއްދީން ސްކޫލުގައި ބޭއްވި މިޖަލްސާގައި މިސަރައްހަދުގެ ރަށްތަކުން ވަނީ މީހުން ގެނެސްފައެވެ. މި ޖަލްސާގައި ރައީސް ވަހީދުގެ ރަނިންމޭޓަކަށް ހަމަޖެއްސެވި އަހުމަދު ތަސްމީން އަލީ އިސްލާމިކް މިނިސްޓަރ ޝެއިހް މުހައްމަދު ޝަހީމް އަލީގެ އިތުރުން ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދާއި ކޯލިޝަންގެ އިސް ފަރާތްތައް ބައިވެރިވެވަޑައިގެންނެވި އެވެ.