ރައީސް ވަހީދު ފަލަސްތީނަށް ކުރެއްވެވި ދަތުރުފުޅުގައި ފައްޅިއަކަށް ޒިޔާރަތްކުރެއްވި މައްސަލަ ފިގުހު އެކަޑަމީގައި މަޝްވަރާކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޝެއިހް މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު ފަލަސްތީނަށް ކުރެއްވި ދަތުރުފުޅުގައި ފައްޅި އަކަށް ޒިޔާރާތްކުރިކަމަށް ދެކެވޭ ވާހަކައަށް އަލިއަޅުވާލާ ވާހަކަ ދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވީ އިސްލާމީ ގައުމެއްގެ އެންމެ މަތީ ވެރިޔަކު އަޅުކަމެއް ކުރުމަށް ނޫން އެހެންކަމަކު ފައްޅި އަކަށް ޒިޔާރާތް ކުރުމާއި މެދު ފިގުހު އެކަޑަމީގައި މަޝްވަރާކޮށް އެކަމުގައި ފިގުހު އެކަޑަމީން ދެއްވާ ލަފަޔާއި އިރުޝާދު ރައީސް ވަހީދު އަށް އަރުވާނެ ކަމަށެވެ.
ރޭ ކޯލިޝަނު ފަރާތުން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ އިސްތަރުޖަމާނު ވިދާޅުވީ އަޅުކަން ކުރުމުގެ މަގްޞަދުގައި ފައްޅިއަކަށް ވަޑައިގަތުމަކީ އެއްވެސް ގޮތެއްގައި ހުއްދަ ވެގެން ވާނެ ކަމެއް ނޫން ކަމަށާއި އަމުދުން އިސްލާމީ ގައުމެއްގެ ވެރިޔަކު ދިއުމަކީ ހުއްދަވެގެން ވާނެ ކަމެއް ނޫންކަމަށެވެ.
ޝަހީމް ވިދާޅުވި ގޮތުގައި އާއްމު ރައްޔިތެއް އަޅުކަން ކުރުން ނޫން އެހެން ގޮތުގައި، ތާރީހީ ތަނެއްގެ ގޮތުގައި އެތަން ބެލުމަށް ދިއުމާމެދު އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވެފައެއް ނެތެވެ. އެހެންނަމަވެސް އިސްލާމީ ގައުމެއްގެ ވެރިއަކު ފައްޅިއަކަށް ޒިޔާރަތްކުރުމާމެދު އިލްމުވެރިންގެ މެދުގައި ހިޔާލު ތަފާތުވެފައިވާ ކަމަށެވެ.
ޝަހީމް އިތުރަށް ވިދާޅުވީ ފިގުހު އެކަޑަމީ ގާއިމު ވެފައިވަނީ މިފަދަ މައްސަލަތައް ބެލުމަށް ކަމަށާއި މިމައްސަލަގައި ފިގުހު އެކަޑަމީން ނިންމަވާ ގޮތެއް ރައީސް ވަހީދު ފުރިހަމަ އަށް ބަލައިގަންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވެރިކަމުގައި ދީނީ ކަންކަމަށް ޝަހީމް ރޭގެ ޖަލްސާ ގައި ވަނީ ފާޑު ވިދާޅުވެ ވާހަކަ ފުޅު ދައްކަވާފައެވެ.