ކުޅުދުއްފުށިން ކައްކާ ގޭސް ހުސްވެދާނެކަމުގެ ބިރު އެބައޮތްކަމަށް ކުޅުދުއްފުށީގައި ފުޅާދާއިރާއެއްގައި ކައްކާ ގޭސް ސަޕްލައި ކުރަމުންދާ ސޭމް ގޭސް އިން ބުނެފި އެވެ.
ކުޅުދުއްފުއްޓަށް މޯލްޑިވް ގޭސް އެތެރެކުރާ ފަރާތް ކަމުގައި ވާ ސޭމް ގޭސްގެ ވެރިޔާ އަބުދުއްސަލާމު މިނޫހަށް މައުލޫމާތު ދެއްމުން ވިދާޅުވީ އެފަރާތުން ކުޅުދުއްފުއްޓަށް ގޭހުގެ ހިދުމަތް ދޭތާ މިވީ 16 އަހަރުގެ ތެރޭގައި މަދު ނުވާވަރަށް ގޭހުގެ ސްޓޮކް މަދުވެފައިވާކަމަށާއި މީގެ ސަބަބުން އެ ކުންފުނިން ސަޕްލައި ކުރާ މޯލްޑިވްގޭސް ހުސްވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށެވެ.
ސަލާމް ވިދާޅުވީ މިހާރު ހުރީ 2 ދުވަހުގެ ސްޓޮކެއް ކަމަށާއި މާލެއިން ގޭސް ލިބޭނެ ދުވަހެއް ނާންގާ ކަމަށެވެ.
ކުޅުދުއްފުއްޓަށް ވިލާ ގޭސް ގެންނަ ފަރާތެއް ކަމަށްވާ އެތުމާ ޕްރައިވެޓް ލިމިޓެޑް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރ އަބުދުﷲ އާދަމް ވިދާޅުވީ އެތުމާއިން ގެންނަ ގޭހުގެ ސްޓޮކް ހުސްވެފައިވާކަމަށާއި މިއަދުގެ ވަގުތެއްގައި ހަނިމަދޫގައި ހުންނަ އެކުންފުނީގެ ސްޓޮކުން ގޭސް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.
“ގޭހު ސްޓޮކް މިވަގުތު ހުރީ ހުސްވެފަ. ހަނިމާދޫ ގައި ހުންނާނެ އަހަރެމެންގެ ގޭސް. އެތަނުން މާދަމާ ގޭސް ގެނެވޭތޯ މިއުޅެނީ.” ކުޅުދުއްފުށީގައި ތެލުގެ ވިޔަފާރިވެސް ފުޅާކޮށް ކުރަމުން އަންނަ އެތުމާ ކުންފުނިން އަބުދުﷲ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިލާ ގޭސް ކުޅުދުއްފުށިން ހުސްވާންދިމާވީ މާލެއިން ގޭސް ހުސްވެ، ސަޕްލައި ނުލިބުމުން ކަމަށެވެ. މާލެއަށް ވިލާ ގޭސް ބޯޓް އަންނާނީ މިމަހު 16 ވަނަ ދުވަހު ކަމަށާއި 17 ވަނަ ދުވަހު ގޭސް ދޫކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ގައި އެވުރެޖް ކޮށް ދުވާލަކު ސަތޭކައެއްހައި ގޭސް ފުޅި ގޭގެއަށް ޑެލިވަރ ކުރެއެވެ.