ހދ ކުމުންދޫ މިސްކިތުގެ މަސައްކަތް ހުއްޓާލާ އެމަސައްކަތް ހަވާލުކޮށްފައިވާ ކޮންޓްރެކްޓަރު ކަމަށްވާ މާރިޝް ކޮންސްޓްރަކްޝަން ކުންފުނީގެ މުވައްޒަފުން އެރަށުން ފައިބައިފި އެވެ.
މިކަމާ ގުޅިގެން މިނޫހަށް މައުލޫމާތު ދެއްވަމުން އެ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ވިދާޅުވީ މަސައްކަތް ހުއްޓާލާ ރަށުން ފައިބަން ޖެހުމުގެ މައިގަނޑު ސަބަބަކީ މަސައްކަތް ނުކުރެވި ދިޔަ ދުވަސްތަކަށް ދުވަސް އިތުރު ކުރުމަށް އޮފީސް އޮފް ޕްރޮގްރާމްސް އެންޑް ޕްރޮޖެކްޓްސް (އޯޕީޕީ) އިން އެއްބަސް ނުވުން ކަމަށެވެ.
ސައީދު ވިދާޅުވީ އޯޕީޕީން މަސައްކަތް ހަވާލުކުރި ތާރީޚަށް މަސައްކަތް ނުނިންމޭނެ އެތައް ސަބަބުތަކެއް އެބަހުރި ކަމަށާއި އޭގެ ތެރޭގައި ފުރަތަމަ މިސްކިތް އިމާރަތް ކުރުމަށް އެކުންފުނީގެ މުވައްޒަފުން އެރަށަށް ދިޔުމުން އެރަށު ބަޔަކު ނުކުމެ މާރާމާރީ ހިންގާ މުވައްޒަފުންނަށާއި ތަކެއްޗަށް ގެއްލުންދިނުން ހިމެނޭ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެތައް ދުވަހަކަށް މަސައްކަތް މެދުކެނޑިފައިވާ ކަމަށާއި އަދި ރާއްޖޭން ބޭރުން ހިލައާއި ހިލަވެލި ނުލިބުމުގެ ސަބަބުންވެސް ގިނަ ދުވަސްތަކަކަށް މަސައްކަތް މެދުކެނޑުނު ކަމަށެވެ.
މުހައްމަދު ސައީދު އިތުރަށް ވިދާޅުވީ ބައެއް ފަހަރު ފިނޭންސް މިނިސްޓްރީގެ ޗެކުގައި ސޮއިކުރާނެ ފަރާތެއް ނުވުމަކީވެސް މިކަމުގެ ސަބަބެއް ކަމަށެވެ. އަދި ކުމުންދޫ ކައުންސިލުންވެސް މަސައްކަތް ހުއްޓާލުމަށް އެންގުމުން ހުއްޓާލިކަންވެސް ސައީދު ފާހަގަ ކުރެއްވި އެވެ.
މިހުރިހާ ސަބަބު ތަކަކާއި ހުރެ މަސައްކަތް ދޫކޮށްލާ ރަށުން ފައިބާފައިވާ ކަމަށާއި މުވައްޒަފުންނާއި ހުރިހާ މެޝިނަރީތައް އެރަށުން މިހާރު ބާލާ ސައިޓު ހުސްކޮށްފައިވާ ކަން ސައީދު ފާހަގަ ކުރެއްވި އެވެ.
ކުމުންދޫގައި އިމާރާތް ކުރާ މި މިސްކިތަކީ 2011 ވަނަ އަހަރު ހަދަންފަށާފައިވާ މިސްކިތެކެވެ. މިއީ 600 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ގޮތަށް ޑިޒައިން ކުރެވިފައިވާ މިސްކިތެކެވެ.