ހދ އަތޮޅުގެ ތިން ރަށެއްގައި އަލަށް އޭ ލެވެލް ފެންވަރަށް ކިޔަވައިދޭން ފަށައިފިއެވެ.
މިގޮތުން އޭ ލެވެލް ފެންވަރަށް އަލަށް ކިޔަވައިދޭން ފަށާފައިވަނީ ވައިކަރަދޫގައި ހުންނަ ހދ އަތޮޅު މަދަރުސާ އާއި، ނޮޅިވަރަމް ސްކޫލުގެ އިތުރުން ނެއްލައިދޫ ސްކޫލުގައެވެ.
ހދ އަތޮޅު މަދަރުސާގައި 13 ދަރިވަރުންނާއި އެކު އޭލެވެލް ފެށުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ދީފައިވީ ނަމަވެސް އެ ސްކޫލުގައި އޭލެވެލްގައި ކިޔަވަމުންދަނީ 5 ދަރިވަރުންނެވެ. ސައިންސް ސްޓްރީމަށް ކިޔަވައިދެމުންގެންދާ ހދ އަތޮޅު މަދަރުސާގައި ހިސާބު ޓީޗަރެއް ފިޔަވާ ހުރިހާ ޓީޗަރުން ހަމަވެފައިވާ ކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ. 218 ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ މި ސްކޫލުގައި އޭލެވެލްގެ ކިޔެވުން ފެށުނު އިރު ކެމިސްޓްރީ އާއި ބައޮލޮޖީ ފޮތް ހަމަނުވާކަމަށްވެސް އެސްކޫލުން ހާމަކުރެއެވެ.
ނެއްލައިދޫ ސްކޫލުގައި އޭލެވެލް އަށް ކިޔަވައިދޭން ފަށާފައިވަނީ 14 ދަރިވަރުންނާ އެކުއެވެ. ބިޒްނަސް ސްޓްރީމަށް ކިޔަވައިދޭ މި ސްކޫލުގައި އިކޮނޮމިކްސް ޓީޗަރެއް މަދުކަމަށާއި އެހެން ނަމަވެސް އަވަސް މުއްދަތެއްގައި އެކަން ހަމަޖެހޭނެކަމަށް އެސްކޫލުން ހާމަކުރެއެވެ. 170 ދަރިވަރުން ތައުލީމު ހާސިލްކުރާ މި ސްކޫލުގައި އޭލެވެލް އަށް ކިޔަވައިދޭން ފެށުނު އިރު ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ ސަރުކާރުން އިމާރާތްކޮށްދޭން ނިންމާފައިވާ 2 ކްލާސްރޫމުގެ މަސައްކަތް ނުނިމި ޖާގައިގެ ދަތިކަން ކުރިމަތިވުން ކަމަށް އެސްކޫލުން މައުލޫމާތު ދެއެވެ.
ސައިންސް އަދި ބިޒްނަސް ސްޓްރީމާއި އެކު އަލަށް ނޮޅިވަރަމް ސްކޫލުގައި މިއަހަރު އޭލެވެލް ފެށީ 21 ދަރިވަރުންނާއި އެކުއެވެ. ނޮޅިވަރަމް ސްކޫލުގެ އޭލެވެލް ހުރިހާ ޓީޗަރުން ހަމަވެފައިވާއިރު ސައިންސްގެ އެއްވެސް ޓެކްސްޓް ފޮތެއް ނުލިބޭ ކަމަށް އެސްކޫލުން ހާމަކުރެއެވެ. މި ސްކޫލަކީ 485 ދަރިވަރުން ތައުލީމު ހާސިލު ކުރަމުން އަންނަ ސްކޫލެެކެވެ.
ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލުގެ އިތުރުން އަލަށް އޭލެވެލް ފެށި 3 ސްކޫލާއި އެކު ހދ އަތޮޅުގައި މިހާރު ހުރީ އޭލެވެލްއަށް ކިޔަވައިދޭ ޖުމްލަ 4 ސްކޫލެވެ.