ހަނިމާދޫ ސަޢާދާ ޕްރީ ސްކޫލުގެ ޓީޗަރުން އަމަލީ ތަޖުރިބާ ހޯދުމަށް ބ. އޭދަފުއްޓަށް ޒިޔާރަތްކޮށްފި އެވެ.
އެސްކޫލުގެ ޕީޓީއޭގެ ނައިބު ރައީސް ހުސައިން ޝަހުދީ އޭދަފުށީގައި ހުންނަވައިން މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ސަޢާދާ ޕްރީ ސްކޫލުން އަބަދުވެސް މަސައްކަތް ކުރަނީ އެސްކޫލަށްވުރެ ހިދުމަތާއި ފެންވަރު ރަނގަޅު ސްކޫލަކަށް ޒިޔާރަތްކޮށް ކަންކަން ދަސްކުރުމަށް ކަމަށެވެ. މިގޮތުން މީގެ ކުރިން ކުޅުދުއްފުށީގެ ޕްރީ ސްކޫލުތަކަށް ޒިޔާރަތްކޮށްފައިވާނެ ކަމަށް ޝަހުދީ ވިދާޅުވި އެވެ.
އެއް ދުވަހުގެ ނިޔަލަށް ކުރިއަށްދާ އަމަލީ ތަޖުރިބާގެ މި ދަތުރުގައި ލެސަން ޕްލޭން ތައްޔާރުކުރާ ގޮތާއި ކުލާސްތައް ކުރިއަށް ގެންދާގޮތްފަދަ ކަންކަމާއި މެދު ހިޔާލު ބަދަލުކުރާނެ ކަމަށާއި ދެ ސްކޫލުގެ މެނޭޖުމެންޓުންވެސް ކަންކަމާއި މެދު މަޝްވަރާކުރުމަށް ހަމަޖެހިފައިވާކަމަށް ޝަހުދީ ވިދާޅުވި އެވެ.
4 ޓީޗަރުންނާއި ޕީޓީއޭގެ 2 މެމްބަރުގެ އިތުރުން ޒުވާނުންގެ ޖަމިއްޔާގެ ރައީސްވެސް މި ދަތުރުގައި ބައިވެރިވެލައްވައެވެ.
ޕީޓީއޭގެ ނައިބު ރައީސް ހުސައިން ޝަހުދީ ވިދާޅުވީ އޭދަފުށީ ސްކޫލުގެ މުވައްޒަފުންނާއި އޭދަފުށި ކައުންސިލުން ވަރަށް ގާތް ގުޅުމެއް ބަހައްޓާ ކަމަށާއި އެ ރަށުގައި އިންތިޒާމުތައް ހަމަޖައްސާފައިވަނީ ވަރަށް ފުރިހަމައަށް ކަމަށެވެ.
ސަޢާދާ ޕްރީ ސްކޫލުގައި 140 ދަރިވަރުން ދަނީ ތައުލީމު ހާސިލު ކުރަމުންނެވެ. އެސްކޫލަކީ 2001 ވަނަ އަހަރުން ފެށިގެން ހަނިމާދޫގެ ޒުވާނުންގެ ޖަމިއްޔާއިން ހިންގަމުން އަންނަ ޕްރީ ސްކޫލެކެވެ.