ކުޅުދުއްފުށީގައި މިމަހު ކުރީކޮޅު ބޭއްވި 18 ވަނަ އެޓޯލް އިންޓަރ ސްކޫލް އެތްލެޓިކްސް މީޓުގައި ހދ އަތޮޅު ތައުލީމީ މަރުކަޒަށް ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ހާއްސަ އެސެމްބްލީއެއް ބާއްވައިފި އެވެ.
ބުރާސްފަތި ދުވަހުގެ ހެނދުނު އޮތް މި ހާއްސަ އެސެމްބްލީ ޝަރަފުވެރި ކޮށްދެއްވީ އެސްޓީއޯގެ ނޯދަން ޑިސްޓްރިބިއުޝަން ސެންޓަރުގެ މެނޭޖަރ އިބުރާހިމް ރަޝީދެވެ. ޝަރަފުވެރި މެހެމާނުގެ ވާހަކައިގައި ކިޔެވުމުގެ އިތުރުން އެތްލެޓިކްސް ފަދަ އިތުރު ހަރަކާތްތަކުގައި ބައިވެރި ވުމުގެ މުހިއްމު ކަމުގެ މައްޗަށް އަލިއަޅުވާލާ ފައިވެއެވެ. އަދި މި މުބާރާތުގައި އޭއީސީއަށް ލިބުނު ކާމިޔާބީ އަކީ ކުޅުދުއްފުއްޓަށް ލިބިގެންދިޔަ ވަރަށް ރީތި ނަމެއްކަން ފާހަގަ ކުރެއްވި އެވެ.
މިއެސެމްބްލީގައި ސްކޫލަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ވާހަކަ ދައްކާފައިވަނީ ސްކޫލުގެ ޕްރިންސިޕަލް ޒިޔާދު ރަޝާދެވެ. މީގެ އިތުރުން ބެސްޓް އެތްލީޓުންނަށް ހޮވުނު ދަރިވަރުންނަށް ތައްޓާއި މެޑަލް ހަވާލުކޮށްދެއްވީވެސް ޕްރިންސިޕަލެވެ. އަދި މީގެ އިތުރުން އޭއީސީ ޓީމުގެ ޖޯޒީ ސްޕޮންސަރ ދެއްވި “ފެހިދޫލަ” ފިހާރައަށް ސްކޫލުގެ ފަރާތުން ވަނީ ޓްރޮފީއެއް ހަވާލުކޮށްފަ އެވެ.
މި އެސެމްބްލީގައި އެތްލެޓިކްސް ޓީމާމެދު ޝުއޫރު ފާޅުކުރުމުގެ ގޮތުން އަފީފުއްދީން ސްކޫލުގެ ގްރެޖުއޭޓް ޓީޗަރ އަހުމަދު މޫސާ ވަނީ ވާހަކަ ދައްކާފައެވެ. އަހުމަދު މޫސާ ވިދާޅުވީ ކޯޗެއްގެ ހައިސިއްޔަތުން އޭއީސީގެ ކޯޗު އަލީ ޝަރީފް ކޮއްދެއްވި ބުރަ މަސައްކަތް ފާހަގަކުރައްވާ ކަމަށެވެ.
މި މަހުގެ 10 ގައި ބޭއްވި މި މުބާރާތުގައި އޭއީސީ ވަނީ ދެ އުމުރުފުރާއަކުން 1 ވަނަ ހޯދާފައެވެ. އެއީ 13 އަހަރުން ދަށުގެ އުމުރުފުރާއާއި 11 އަހަރުން ދަށުގެ އުމުރުފުރާއިންނެވެ.