ކުޅުދުއްފުށީގައި އަލަށް ހިއްކި ސަރަހައްދުގައި 4 ބުރީގެ 64 ފްލެޓް އެޅުމަށް ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި ބަޔަކާ ހަވާލުކުރެވޭނެ ކަމަށް ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާލުވެއްޖެއެވެ.
ކުޅުދުއްފުށީގައި އަދާލަތު ޕާޓީގެ ޖަގަހަ ހުޅުވުމުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މުއިއްޒު ވިދާޅުވީ ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ތެރެއިން ކުޅުދުއްފުށީ ހިއްކި ބިމުގައި ހުޅުމާލޭ ގައި ހުންނަ ކަހަލަ 4 ބުރީގެ 64 ފްލެޓް އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި މިހާރު އެ ފްލެޓްތަކުގެ ކުރެހުންތައް ނިމިފައިވާ ކަމަށެވެ.
“ހުޅުމާލޭގައި ހުންނަ ކަހަލަ 4 ބުރީގެ ފްލެޓް މިރަށު ހިއްކި ބިމުގައި އަޅަންވަނީ ސަރުކާރުން ނިންމާފަ. ކުރެހުން ތައް ވެސް ހުރީ ނިމިފައި. ލިޔެކިޔުންތައް ކުރިއަށް އޮތް ހަފުތާ ތެރޭގައި ނިމޭނެ އެހެން ވީމާ ކުރިއަށް އޮތް 3 ހަފުތާއެއްގެ ތެރޭގައި އެގްރިމެންޓު ގައި ސޮއިކުރެވި ބަޔަކާއި ހަވާލު ކުރެވޭ ވަރު ވާނެ” ހައުސިން މިނިސްޓަރ މުއިއްޒު ވިދާޅުވި އެވެ.
އަދާލަތު ފާޓީގެ އަމީން އާއްމު ކަމުގެ މަގާމުވެސް ފުރުވަމުން ގެންދަވާ މުއިއްޒު ވިދާޅުވީ ކުޅުދުއްފުށީ ތަރައްގީގެ ނާރެހަކަށް ބަދަލު ވާއިރު ކުޅުދުއްފުށީގެ އާބާދީ ދެގުނަ ކުރަންޖެހިފައި ވާކަމަށެވެ.
މިނިސްޓަރ މުއިއްޒު އިތުރަށް ވިދާޅުވީ ކުޅުދުއްފުށީ ހަދާ އަމީނީމަގު ހެދުމަށް ބޭނުން ވާ މެޝިނަރީތަކުގެ ބައެއް ގެންނަ ބޯޓު މިހާރު ލަންކާއިން ފުރަފައިވާ ކަމަށާއި އަނެއް ބައި ތަކެތި ހިފައިގެން އަންނަ ބޯޓު މިއަދު ފުރާނެ ކަމަށެވެ. އެތަކެތި ސީދާ ގެނެވޭނީ ކުޅުދުއްފުއްޓަށް ކަމަށާއި އެއާއެކު ލަންކާގެ ކޮންސަލްޓަންޓުންވެސް އަންނާނެ ކަމަށެވެ. އަދި ހުއްޓުމެއްނެތި މަގު ހެދުމަށް ބޭނުންވާ ތަކެތި ގެނެވޭނެ ކަމަށާއި ތަކެތި ލިބުމުން ދޮޅު މަސް ދުވަހުގެ ތެރޭގައި ކުޅުދުއްފުށީ އަމީނީމަގުގައި ތާރު އަޅާ ނިމޭނެ ކަމަށެވެ. އިތުރަށް އޭނާ ވިދާޅުވީ އަމީނީމަގު ނިމުމުން ދެންހުރި މަގު ތައް ވެސް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މިޖަލްސާ ގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބުދުﷲ ވިދާޅުވީ ކުރިއަށް މިއޮތް އިންތިހާބު ގައި ވާދަކުރައްވަނީ ހަމައެކަނި އިސްތިއުފާ ދެއްވި ރައީސާ ކަމަށާއި ފުރަތަމަ ބުރުން ވެސް އިތުރު ސިޔާސި ޕާޓީތައް ކޯލިޝަނާއި ގުޅޭނެ ކަމަށާއި ދެވަނަ ބުރުން ވެސް އެބޭފުޅުން ގެ ކޯލިޝަނާ ސިޔާސީ ޕާޓީ ތައް ގުޅޭނެ ކަމަށެވެ.
ރޭ އަދާލަތު ޕާޓީން ކުޅުދުއްފުށީގައި މިހުޅުވުނު ޖަގަހަ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ “ގައުމައިގެން ކުރިއަށް” ކޯލިޝަނުގެ ކެމްޕޭނަށް ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.