ޖަލާލުއްދީން ސްކޫލުގެ މަތީ ޘާނަވީ ނިންމި ދަރިވަރުންގެ ދަސްވެނިވުން ބާއްވައިފި އެވެ.
ރޭ ޖަލާލުއްދީން ސްކޫލު ހޯލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ޤައުމީ ޔުނިވަރސިޓީގެ ދަރުސްވެރިޔާ މުހައްމަދު ހުސައިންއެވެ. މިރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު ދެއްކެވި ވާހަކައިގާ މުޖްތަމައު އިސްލާހު ކުރަން ނުކުންނަ ދަރިވަރުންނަކީ ރޭ ދަސްވެނިވެ ނިމުނު ދަރިވަރުންކަން ފާހަގަ ކުރައްވާ މުޖްތަމައު އިސްލާހު ކުރުމުގައި އަނެކާ ބޭޒާރު ނުކުރުމަށް ގޮވާލެއްވި އެވެ. އަދި މަތީ ތައުލީމަށް ލިބިފައި ހުރި ފުރުސަތު ތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވެލެއްވި އެވެ.
ރޭގެ ޖަލްސާގައި އެޗީވްމެންޓް ސެޓްފިކެޓް ހާސިލުކުރި ދަރިވަރުންނަށް ސެޓްފިކެޓާއި މެޑަލްއާއި ޝޭޝް އަދި ޕްރިފެކްޓުންގެ ފަރާތުންދޭ ގްރެޖުއޭޝަން ކެޕް ހަވާލުކޮށްދެއްވީ ޝަރަފުވެރި މެހެމާނެވެ.
ދަސްވެނިވުމުގެ މި ޖަލްސާގައި ސްކޫލުގެ މަގާމްތަކަށް އަލަށް ހޮވުނު ދަރިވަރުންނަށް މަގާމު ހަވާލުކޮށްދެއްވީ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް އަލީ އިސްމާއީލެވެ.
ޓީޗަރެއްގެ ފަރާތުން ކޮލިފައިޑް ޓީޗަރ ޝަހީދާ އަލީ ވާހަކަދެއްކެވި އިރު ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ ސްކޫލުގެ ކެޕްޓަން އަފްޒަލް އަހުމަދެވެ. މި ޖަލްސާގައި ގްރޭޑް 12 ނިންމި ދަރިވަރުންގެ ފޮޓޯ ހިމެނޭ އިޔާ ބުކެއް ވަނީ ސްކޫލާ ހަވާލުކޮށްފަ އެވެ.
ޖަލާލުއްދީން ސްކޫލުގެ ގްރޭޑް 12 ގައި މި އަހަރު 57 ދަރިވަރަކު ވަނީ ތައުލީމު ހާސިލްކޮށްފައެވެ. އެހެން ނަމަވެސް ކަނޑައެޅިފައިވާ މިންވަރުން ފާސްވެގެން ރޭގެ ޖަލްސާގައި ގްރެޖުއޭޓު ވެފައިވަނީ 50 ދަރިވަރުންނެވެ. ފާސްވާ މިންގަނޑަކީ ހުރިހާ މާއްދާއެއްގެ އެވްރެޖް އީ ފާހެއް ލިބުމެވެ.
އިތުރު ފޮޓޯތައް ކުޅުދުއްފުށި އޮންލައިން ފޭސްބުކް ޕޭޖްގައި