ދިވެހި ރެޑްކުރެސެންޓުގެ ފަރާތުން ކުޅުދުއްފުށީގައި ޖަމާއަތުގެ ވިލަރެސްވެރިން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފެށިގެން ކުރިއަށް އެބަދެއެވެ.
ދިވެހި ރެޑްކުރެސެންޓުގެ ވަޔަލެންސް ޕްރިވެންޝަން ޕްރޮޖެކްޓު އޮފިސަރ ހައްވާ އަފްރާހު އަބްދުލްޣަނީ މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ވޯކްޝޮޕަކީ ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގެ ގޮތުން އެކަމަށް ހޭލުންތެރިކުރުމަށް ބޭއްވޭ ވޯކްޝޮޕެއް ކަމަށެވެ. މިގޮތުން މި ވޯކްޝޮޕް މި ފަހަރު އަމާޒު ކުރެވިފައިވަނީ ކުޅުދުއްފުށީގެ ޓީޗަރުންނަށް ކަމަށާއި ޕްރޮގްރާމް ފުރިހަމަކުރުމަށްފަހު ތަމްރީނުވާ ވިލަރެސްވެރިން ބެލެނިވެރިންނަށް މައުލޫމާތު ފޯރުކޮށްދެއްވާނެ ކަމަށް ހައްވަ ވިދާޅުވި އެވެ.
“އަޅުގަނޑުމެން މިފަހަރުގެ ޕްރޮގްރާމް މި އަމާޒުކުރަނީ ޓީޗަރުންނަށް. އެއީ ބެލެނިވެރިންނަށް ނޫނީ އެހެން ބަޔަކަށްވެސް މައުލޫމާތު އެންމެ ރަނގަޅަށް ބުނެދެވޭނީ ޓީޗަރުންނަށް ކަމަށްވާތީވެ. ” ހައްވަ ވިދާޅުވިއެވެ.
މި ޕްރޮގްރާމްގައި އަނިޔާ އަކީ ކޮބައިކަމާ، އަނިޔާގެ ބާވަތްތަކާ ބެހޭގޮތުން ބައިވެރިންނަށް މައުލޫމާތު ދެއްވާނެ ކަމަށާއި ބައިވެރިންގެ ވަރަށްފުރިހަމަ އެއްބާރުލުމެއް ލިބެމުންދާ ކަމަށް ހައްވަ ވިދާޅުވި އެވެ. މި ޕްރޮގްރާމް ނިމުމުގެ ކުރިން ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަން ޕްލޭންތައް ތައްޔާރުކުރާނެ ކަމަށްވެސް ހައްވަ ވިދާޅުވި އެވެ.
އިއްޔެއިން ފެށިގެން 3 ދުވަހުގެ ނިޔަލަށް ގައުމީ އިދާރާގައި ކުރިއަށްދާ މި ވޯކްޝޮޕް މާދަމާގެ ނިޔަލަށް ކުރިއަށްދާނެ އެވެ. އުމުރުން 20 އަހަރުން މަތީގެ ޓީޗަރުންނަށް އަމާޒުކުރެވިފައިވާ މި ތަމްރީނު ޕްރޮގްރާމުގައި 14 ބައިވެރިން ދަނީ ތަމްރީން ހޯދަމުންނެވެ.