މިދުވަސްވަރު ކުޅުދުއްފުށީގައި ވައްކަމުގެ މައްސަލަތައް އިތުރުވަމުންދިޔުމުގެ ސަބަބުން އެކަން ހުއްޓުވުމަށް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުންގެ ތަރުޖަމާނު ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް ހަސަން ހަނީފް މިއަދު ވިދާޅުވީ ކުޅުދުއްފުށިން މިދުވަސްވަރު ވައްކަން ކުރުމުގެ ގިނަ ކޭސްތަކެއް ރިޕޯޓުކުރަމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްގެންދާ ކަމަށެވެ. އެގޮތުން ވައްކަންކޮށްގެން ހޯދާފައިވާ ތަކެތިކަމަށް ބެލެވޭ އެއްޗެހި ތަކަކާއެކު އިއްޔެގެ ވަގުތެއްގައި 2 މީހަކު އަތުލައިގަނެފައިވާ އޭނާ ވިދާޅުވި އެވެ.
ހަނީފް ވިދާޅުވީ ތަކެއްޗާއި އެކު އަތުލައިގަތް ދެމީހުން މިހާރުވެސް ތިބީ ފުލުހުންގެ ވަގުތީ ހައްޔަރެއްގައި ކަމަށާއި އެ ދެމީހުންނާއި ސުވާލުކުރަމުންދާ ކަމަށެވެ. އަދި ތަހުގީގު ކުރިއަށް ދާތީ އެކަމާބެހޭ އިތުރު މައުލޫމާތު ހާމަކުރެވެން ނެތްކަމަށް ހަނީފް ވިދާޅުވި އެވެ.
މި ހަފުތާގެ ތެރޭގައި ވެސް ކުޅުދުއްފުށީ ގެއަކުން ވަގަށް ނަގާފައިވާ ތަކެއްޗާއި އެކު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެފަހަރު އެ ގެއިން ގެއްލިފައިވާކަމަށް ފުލުހުންނަށް ހުށަހަޅާފައިވާ 02 ލެޕްޓޮޕާއި 02 ޑީވީޑީ ޕްލެޔަރާއި 02 ޑިކޯޑަރާއި އެއަރޓެލް ރިސީވަރެއްގެ އިތުރުން އިންޓާނަލް އަދި އެކްސްޓާނަލް ހާރޑް ޑިސްކް އަކާއި ދިރާގު ޓަޗްނެޓް މޯޑަމް އަކާއި ސިމްކާރޑުތަކަކާއި ޔޫ.އެސް.ބީ ވާގަނޑެއްގެ އިތުރުން ލެޕްޓޮޕް ޗާޖަރު ފަދަ ތަކެތި ފުލުހުން ވަނީ ހޯދާފައެވެ.
ދޭތެރެ ދޭތެރެއިން ކުޅުދުއްފުށީގައި ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވަމުން އަންނަކަން ފާހަގަ ކުރެވެ އެވެ.