ކުޅުދުއްފުށީ އަމީނީމަގު ރަނގަޅު ފެންވަރަކަށް ހެދުމަށް ފަށާފައިވާ މަޝްރޫއުގެ މަސައްކަތް އަވަސްކުރުމަށް ކުޅުދުއްފުށީ ކައުންސިލުން ގޮވާލައިފި އެވެ.
ކައުންސިލުން މިކަމަށް ގޮވާލީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި ބުނެފައިވަނީ ކުޅުދުއްފުށީ އަމީނީމަގަކީ 2010 ވަނަ އަހަރު އޭރުގެ ރައީސުލްޖުމުހޫރިއްޔާ މުހައްމަދު ނަޝީދު ފައްޓަވައިދެއްވި މަޝްރޫޢެއް ކަމަށެވެ. އަދި ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވުމާ ހަމައަށް އެ މަގުގެ 80 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެ ނޫސްބަޔާނުގައި ބުނެފައި ވެއެވެ.
ކައުންސިލުގެ ނޫސްބަޔާނުގައި ބުނެފައިވާ ގޮތުގައި ވެރިކަން ބަދަލުވި ހިސާބުން ފެށިގެން މަގުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. އަދި އެކަން ހައްލު ކުރުމަށްޓަކައި ކައުންސިލުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
“މި މަސައްކަތް އަވަހަށް ނިންމައި މި މަގުގެ ބޭނުން ރައްޔިތުންނަށް އަވަހަށް ހިފޭނެގޮތް ހެދުމަށްޓަކައި ގިނަ މަސައްކަތްކޮށް މިކަމާ ގުޅުންހުރި ހުރިހައި ފަރާތްތަކާއެކު ތަފާތު ގިނަފަހަރު ތަކެއްގެ މަތިން މަޝްވަރާކުރެވި މިކަން އަވަސްކުރުމަށް ކުރެވެން ހުރި ހުރިހައި މަސައްކަތެއް މިކައުންސިލުން މިދަނީ ކުރަމުންނެވެ” އެބަޔާނުގައި ބުނެފައިވެއެވެ.
ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ މަގުގެ މަސައްކަތް އަވަހަށް ނިންމުމަށްޓަކައި ކައުންސިލުން އެއްބާރުލުން ދެމުން އަންނައިރު އަދި އެފަރާތުން ދެވެންހުރި ހުރިހާ އެހީތެރިކަމެއް ދެމުން އަންނައިރު ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ދޮގު ވާހަކަ ފަތުރަމުން އަންނަ ކަމަށެވެ. އަދި ހަރުކަށި އިބާރާތުން އެފަދަ ވާހަކަތައް ކުށްވެރި ކުރާ ކަމަށްވެސް އެއް ޞޮފްހާގެ އެ ބަޔާނުގައި ބުނެފައި ވެއެވެ.
“ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށްޓަކައި މި ކައުންސިލުން އެއްބާރުލުން ނުދޭކަމަށްބުނެ ދައްކަމުންދާ ރޯ ބުހުތާނު ދޮގު ވާހަކަތައް ނުހަނު ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ.” އެ ބަޔާނުގައި ބުނެފައި ވެއެވެ.
ކައުންސިލުގެ ނޫސް ބަޔާން ނިންމާލަމުން ބުނެފައިވަނީ އެފަދަ ދޮގު ވާހަކަތައް ނުދައްކާ ކުޅުދުއްފުށީ އަމީނީމަގުގެ މަސައްކަތް އަވަށް ނިންމައި ރައްޔިތުންނަށް އެ މަގުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެގޮތް މިހާރުން މިހާރަށް ހަދައިދިނުމަށް ގޮވާލާ ކަމަށެވެ.
ކައުންސިލުން މިއަދު ނޫސް ބަޔާނެއް ނެރުނުއިރު އަމީނީމަގުގައި ތާރު އެޅުމަށް ބޭނުންވާ ބައެއް ސާމާނު މިމަހުގެ ކުރީކޮޅު ކުޅުދުއްފުއްޓަށް ވަނީ ގެނެސްފައި އެވެ. އަދި ކުރިއަށް އޮތް ދޮޅު މަސްދުވަހުގެ ތެރޭގައި ތާރު އެޅުމުގެ މަސައްކަތް ނިމޭނެ ކަމަށް، މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ކުޅުދުއްފުށީގައި ބޭއްވި ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައި އެވެ.