އޭޑީކޭ ކުންފުނިން ރާއްޖެއެތެރެކޮށް ވިއްކާ މުދާ އުތުރުގެ ރަށްރަށަށް ވިއްކުމަށް ހާއްސަކޮށްގެން، ނޯދަން ޑިސްޓްރިބިއުޝަން ސެންޓަރުގެ ނަމުގައި ފިހާރައެއް ހުޅުވައިފި އެވެ.
އޭޑީކޭ ނޯދަން ޑިސްޓްރިބިއުޝަން ސެންޓަރު ހުޅުވުމަށް މިރޭ ކުޅުދުއްފުށީގައި ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސީއީއޯ އޭޑީކޭ ނާޝިދު ވިދާޅުވީ އޭޑީކޭ ޑިސްޓްރިބިއުޝަން ސެންޓަރަކީ އޭޑީކޭއިން ރާއްޖެއަށް އެތެރެކުރާ މުދާ އުތުރުގެ ސަރައްހަދަށް އަގު ހެޔޮކޮށް ވިއްކުމަށް ހުޅުވިގެން ދިޔަ ސެންޓަރެއް ކަމަށެވެ.
އޭޑީކޭ ގުރޫޕްގެ ސީއީއޯ ވިދާޅުވީ އޭޑީކޭ ހޮސްޕީޓާ ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓަލަކަށް ހެދުމަށްް އެފަރާތުން ނިންމާފައިވާ ކަމަށާއި އެގޮތުން މި އިންވެސްޓްމެންޓް ވެގެން ދާނީ މިހާތަނަން ރާއްޖޭގައި ނުކުރާވަރުގެ ބޮޑު އިންވެސްޓްމަންޓަށް ކަމަށް ނާޝިދު ވިދާޅުވި އެވެ. އަދި މިއަންނަ ހަފްތާ ތެރޭގައި އެކަން އިޢުލާން ކުރާނެ ކަމަށާއި އެކަމަށްޓަކައި މިހާރު ސަރުކާރާއެކު ވާހަކަ ދެކެވިފައި ކަމަށް ވިދާޅުވި އެވެ. އެރަސްމިއްޔާތު ވަރަށް އަވަހަށް މާލޭގައި ބޭއްވި ގެންދާނެ ކަމަށް ނާޝިދު ވިދާޅުވި އެވެ.
ނާޝީދު އިތުރަށް ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ގުޅިގެން ކުރިއަށް އޮތް ތަނުގައި ތަފާތު ހެލްތު ކޭމްޕުތައް ކުރިއަށް ގެންދާނެ ކަމަށެވެ.
މިރަސްމިއަޔާތުގައި ކުޅުދުއްފުށީ ކައުންސިލުގެ ރައީސް އިބުރާހިމް ރަމީޒު ދެއްކެވި ވާހަކަފުޅުގައި އޭޑީކޭ ފަދަ ކުންފުއްޏަކުން އިސްނަގައިގެން ސިއްހީ ހިދުމަތް ކުޅުދުއްފުށީގައި ތިބެގެން ލިބޭނެ ފަދަ ގޮތެއް ހަމަޖައްސާ ދިނުމަށް އޭޑީކޭގެ ސީއީއޯގެ އަރިހުން އެދިވަޑައިގެންނެވި އެވެ.
މިރޭގެ ރަސްމިއްޔާތުގައި ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިންނާއި އަތޮޅު ކައުސިލަރުންނާއި ރަށު ކައުންސިލަރުންގެ އިތުރުން ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ބައިވެރިވިއެވެ. އޭޑީކޭއިން މިރޭ ކުޅުދުއްފުށީގައި ހުޅުވުނު ޑިސްޓްރިބިއުޝަން ސެންޓަރަކީ މާލެއިން ބޭރުގައި ހުޅުވުނު އެ ކުންފުނީގެ ފުރަތަމަ ފިހާރަ އެވެ.