މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓުލާން ބޭނުންވާ މީހުންނަށް ރަޖިސްޓްރީވުމުގެ ފުރުޞަތު އިލެކްޝަން ކޮމިޝަނުން މިއަދު ހުޅުވާލައިފި އެވެ.
އިލެކްޝަން ކޮމިޝަނުން އިއްޔެ ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ސެޕްޓެމްބަރު މަހު 7 ވާ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓުލާން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީވުމުގެ ފުރުޞަތު މިއަދުން ފެށިގެން އަންނަ މަހުގެ 7 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
އިލެކްޝަން ކޮމިޝަނުގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ކަމަށެވެ. ދެވަނަ ބުރުގައިވެސް ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓުލާން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީވުމުގެ ފުރުޞަތު މިއަދުން ފެށިގެން އަންނަ މަހުގެ 7 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓުލާން ބޭނުންވާ ފަރާތްތައް ރަޖިސްޓްރީވުމަށްޓަކައި އެކޮމިޝަނުން ދޫކުރާ ފޯމު ރަށްރަށުގެ ރަށު ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެކަމަށް އެކޮމިޝަނުން މައުލޫމާތު ދެއެވެ. އަދި އިލެކްޝަން ކޮމިޝަނުގެ އިދާރާއިންނާއި ރަޖިސްޓްރޭޝަންގެ މައި މަރުކަޒުތަކުންވެސް އެ ފޯމް ލިބެން ހުންނާނެކަމަށް އެ ކޮމިޝަނުން މައުލޫމާތު ދެއެވެ.
އިލެކްޝަނުން ބުނީ ކުރީގެ އިންތިހާބުތަކުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރިނަމަވެސް މި އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް އަލުން ރަޖިސްޓްރީ ކުރަން ޖެހޭނެ ކަމަށެވެ.